އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރުން

 އިޢުލާން

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށްރަޖިސްޓަރީ ކުރުން

14 ޖަނަވަރީ 2017 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2016 ނޮވެންބަރު 7 ވާ ހޯމަ ދުވަހުން ފެށިގެން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2016 ގެ ޖަދުވަލު 4 ގައިވާ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި، ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި، މާލޭ ސިޓީގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.

އަދި ދަންނަވަމެވެ. އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިން ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވީނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނެއެވެ.

ރަޖިސްޓަރީކުރުން އޮންނާނީ 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުން ފެށިގެން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހުގެ 2:00 އަށެވެ. ހުކުރުދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15:00 އިން 18:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ