ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ދަށަށް ގެނައުން

 އިޢުލާން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ދަށަށް ގެނައުން

2016 ސެޕްޓެންބަރު 29 ވަނަ ދުވަހު، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (އެސްޓީއޯ) ގެ ދަށަށް ގެނައުމަށް ދައުލަތުގެ ވަޒީރުންގެ މަޖިލީހުން ނިންމަވާ، އެކަމާބެހޭ މަޢުލޫމާތު ވަނީ އާންމުކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާ ގުޅިގެން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މި ނިންމުމަށް އިޙުތިރާމްކޮށް، މިފްކޯ އެސްޓީއޯގެ ދަށަށް ގެނައުމަށް ނިންމަވާފައެވެ.

އެސްޓީއޯގެ ބޯޑުން ނިންމެވީ ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ޤާނޫނު 10/96 ގެ ދަށުން މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ހެދުމަށެވެ. އެގޮތުން މިފްކޯއަކީ އެސްޓީއޯގެ 99.99 އިންސައްތަ ޙިއްޞާއާއި އެސްޓީއޯގެ އިތުރު ސަބްސިޑިއަރީއެއްކަމަށްވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެލައިޑް އިންޝުއަރެންސް) ގެ 0.01 އިންސައްތަ ޙިއްޞާާވާ ކުންފުންޏަކަށް ހެދުމަށެވެ.

މިގެނެވުނު ބަދަލާ ގުޅިގެން، މިފްކޯގެ ޙިއްޞާވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި އެސްޓީއޯއަށާއި އެލައިޑް އިންޝުއަރެންސަށް 2016 އޮކްޓޫބަރު 11 ވަނަ ދުވަހު ރަޖިސްޓަރީކުރެވިފައެވެ. 

މިފްކޯއަކީ މަސް ގަތުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓްކޮށް، މަހުން އެކިއެކި އިތުރު ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ.

މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ވަކި ޤާނޫނީ ޝަޚުޞެކެވެ. އަދި މިކުންފުނި އެސްޓީއޯގެ ދަށަށް ގެނެވިފައިވަނީ މިފްކޯގެ ނެގެޓިވް ނެޓް އެސެޓްސް ބެލެންސްކުރުމަށްފަހުއެވެ. މިފްކޯގެ ހާލަތު އިތުރަށް ދެނެގަތުމުގެ ގޮތުން އެސްޓީއޯއިން ވަނީ މިފްކޯގެ ފައިނޭންޝަލް ޑިއު ޑިލިޖަންސް ހެދުމަށާއި އެސެޓްތައް ވެލިއުކުރުމަށާއި މާލީ ހާލަތު ދެނެގަތުމަށްޓަކައި މިނިވަން، އިންޓަރނެޝަނަލް އޮޑިޓް ފަރމެއް މެދުވެރިކޮށް ބެލުމަށް ނިންމާފައެވެ.

މިފްކޯއަކީ ކުރިންވެސް އެސްޓީއޯގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތް އޮޕަރޭޝަނަކަށްވެފައި މިފްކޯ އަލުން އެސްޓީއޯގެ ދަށަށް ގެނެވުމަކީ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީޒް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އެސްޓީއޯއިން ދެކެމެވެ. އެގޮތުން މިފްކޯގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހަމަ މިއާއެކު މި ވިޔަފާރިން އެސްޓީއޯ ގްރޫޕަށް ބޭރުފައިސާ ހޯދުމަށް އެހީއަކަށްވެގެންދާނެއެވެ.

މި ފުރުސަތުގައި، މިފްކޯއަކީ އެސްޓީއޯގެ ޙިއްޞާދާރުންނާއި ކަސްޓަމަރުންނަށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 މުޙައްރަމް 1438

12 އޮކްޓޫބަރު 2016
ހޯދާ