އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން

ނޫސް ބަޔާން

13 އޮގަސްޓު 2016 ގައި ޏ. ފުވައްމުލަކަށް ހިލައާއި ހިލަވެލި ހިފައިގެން އައި ވިއެޓްނާމުގެ ކާގޯ ބޯޓެއް ކަމަށްވާ "އެން.ޖީ.އޯ.ސީ ސަން" (އައި.އެމް.އޯ ނަންބަރު: 9353474) އެ ރަށުގެ ފަރަށް އެރުމާ ގުޅިގެން، އެ ބޯޓު ފުންކުރުމަށް މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުލިބި، އެ ބޯޓު އެ ސަރަޙައްދުގައި އޮވެ، އެ ސަރަޙައްދުގެ ބޮޑެތި ރާޅުބާނީތަކާއި އޮއިގައި ޖެހި އެ ސަރަޙައްދުގެ ފަރާއި ކަނޑުގެ ތިމާވެށްޓަށް ލިބިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުން އިންތިހާއަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޯޓުގެ ވެރިފަރާތާއި ބޯޓު ފުންކުރުމުގައި ހަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއި މި އެޖެންސީއަށް ފެންނާތީ، މި ހުރިހާ ފަރާތެއްގެ މަޝްވަރާއާއެކު، އެ ބޯޓު ފުންކުރުމަށް އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅަކީ ބޯޓު ލުއިކުރުމަށް، ބޯޓުގައި ހުރި ހިލައާއި ހިލަވެލި އެ ސަރަޙައްދުގެ ފަރާއި ކަނޑުގެ ސަރަޙައްދަށް އެޅުމަށްފަހު ބޯޓު ލުއިކުރުމެވެ.

މިި ބޯޓު ފުންކުރުމުގެ މަސައްކަތްތައް މި ދެންނެވުނު ގޮތުގެ މަތިން ކުރަމުންދާއިރުވެސް، އެ ސަރަޙައްދުގެ ފަރާއި ކަނޑުގެ މާޙައުލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި މި ސަރަޙައްދަށް ހިލައާއި ހިލަވެލި ނޫން އެހެން އެއްވެސް ބާވަތެއްގެ އެއްޗެއް އަޅައިގެން ނުވާނެކަން އެ މަސައްކަތް ކުރާ ފަރާތްތަކަށާއި ބޯޓުގެ ވެރި ފަރާތަށް ވާނީ އަންގާފައެވެ.

އަދި ދަންނަވަމެވެ. ހިލައާއި ހިލަވެލި މޫދަށް އެޅުމުގެ ހުއްދަ ދެވިފައިވަނީ ބޯޓު ފުންކުރުމަށްޓަކައި އިތުރު އެހެން އެއްވެސް މަގެއް ފެނިފައިނުވުމުގެ ސަބަބުން ބޯޓު ފަޅައިގެން ގޮސް ހެވީ ފިއުލާއި އެހެނިހެން މުދަލުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުން ނުހަނު ބޮޑުވެދާނެތީ، ތިމާވެށްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް މި ޙާލަތުގައި އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅުކަމަށްވާތީއެވެ.

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016
ހޯދާ