މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރުމާ ބެހޭ

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރުމާ ބެހޭ

"ބިދޭސީ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް، ސްކީމުގެ ދަށުން ޕެންޝަންގެ އިނާޔަތްތައް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު" ގައި ހިމެނޭ ތިރީގައި މިދަންނަވާ ކަންކަން ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • 24 އެޕްރީލް 2014 އިން ފެށިގެން، ބިދޭސީ މުވައްޒަފުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުން ވަނީ އިޚުތިޔާރީ ކަމަކަށްވެފައެވެ. އެހެންކަމުން މި ތާރީޚުގެ ފަހުން ބިދޭސީ މުވައްޒަފެއްގެ މުސާރައިން އެ މުވައްޒަފަކު އެދިގެން މެނުވީ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ކޮންޓްރިބިއުޝަންގެ ގޮތުގައި ފައިސާ އުނިކޮށްގެން ނުވާނެއެވެ.
  • ބިދޭސީ މުވައްޒަފުންގެ ތެރެއިން 1 ޖަނަވަރީ 2015 ގެ ފަހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި މުޅިން އަލަށް ރަޖިސްޓަރީވެ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން ފަށާފައިވާ މުވައްޒަފުންނާއި 1 ޖުލައި 2016 ގެ ފަހުން ސްކީމަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވޭ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުންނެވެ.  
  • 1 ޖަނަވަރީ 2015 ގެ ކުރިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން ފަށާފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން 1 ޖުލައި 2016 ގެ ފަހުން ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުން ހުއްޓާލާފައިވާ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުގެ ކުރިން ރާއްޖެ ދޫކޮށް ފުރައިގެން ދާނަމަ، އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ދޫކުރުމަށް އެދި، ފުރުމުގެ 60 ދުވަސް ކުރިން އެކަމަށް ކަނޑައެޅިފައިވާ ފޯމު ހުށަހެޅުމުން، މުވައްޒަފު ފުރުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން އެ ފައިސާ (އެކްރޫޑް ޕެންޝަން ރައިޓްސް ފިޔަވައި) ދޫކުރެވޭނެއެވެ.      
  • އެކްރޫޑް ޕެންޝަން ރައިޓްސްގެ  ގޮތުގައި ބިދޭސީ މުވައްޒަފުންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ދޫކުރެވޭނީ އެމުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުންނެވެ.        

މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރުވުން އެދެމެވެ. 

08 މޭ 2016
ހޯދާ