މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކުނިއުކުމުގެ ޚިދުމަތާބެހޭ

އިޢުލާން

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ޚިދުމަތެއްގެ ގޮތުގައި ތަޢާރަފުކޮށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ނަމުގައި ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދަވާފައެވެ. އެހެންކަމުން މި މިނިސްޓްރީން ހިންގަމުން އައި މާލެ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް 1 ޖަނަވަރީ 2016 އިން ފެށިގެން އެ ކޯޕަރޭޝަނާ މިހާރު ވަނީ ހަވާލުކުރެވިފައެވެ.

އެއްވެސް ޚިދުމަތަކީ އަލަށް ފަށައިގަންނަ އިރު އެކަމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ޚިދުމަތެއް ދިނުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޕްލޭންކުރެވޭނީ މިކަމުގައި ކޮންމެހެން އެނގެންޖެހޭ މުހިއްމު މަޢުލޫމާތު ލިބިގެން ކަމުގައި މި މިނިސްޓްރީން ގަބޫލުކުރަމެވެ. މިގޮތުން މާލެ ސަރަހައްދުގައި އެކި ތަންތަނުން (ގޭބިސީތަކުންނާއި ވިޔަފާރިތަކުން އަދި މިނޫންވެސް އެހެނިހެން ތަންތަނުން) އުފައްދާ ކުނި ނެގުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވެމްކޯ އިން މިހާރު ދަނީ މާލެއާއި ވިލިނގިލީ އަވަށުގައި "ރެސިޑެންޝަލް މާކެޓް ސާރވޭ" ގެ ނަމުގައި ދިރާސާއެއް ކުރަމުންނެވެ. މައިގަނޑު ތިން ބަޔަކަށް ބަހާލާއިގެން ކުރިއަށްގެންދާ މި ދިރާސާގައި ކުނިއުކައިލުމަށް މިހާރު ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތާއި، ގޭބިސީތަކުން ކުނިއުކައިލުމަށްޓަކައި ބޭނުންކުރާ އުސޫލުތައް ދެނެގަތުމާއި އަދި ވިޔަފާރިތަކާއި އޮފީސްތަކުން ކުނިއުކައިލުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާ ބެހޭ މަޢުލޫމާތު ހޯދުން ހިމެނެއެވެ.

މާލޭ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މި މިނިސްޓްރީން މިދަނީ ވެމްކޯއާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ދިރާސާގެ ސަބަބުން މާލޭގައި ކުނި ނެގުމުގެ މަސައްކަތް ފަށައިގަތުމުގެ ކުރިން މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ ގޮތްތަށް ދެނެގަނެ، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް އެ ޚިދުމަތްތައް ބައްޓަންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެހެންކަމުން މި ދިރާސާ ކުރިއަށްގެންދާއިރު މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް މި ދިރާސާއަށް އެއްބާރުލުން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ނޯޓު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018434 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ، ހަނދުވަރީ ހިނގުން، މާފަންނު
މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]

01 މާރިޗު 2016
ހޯދާ