މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެމްޓީސީސީ ޕލކ ގެ ހިންގާ ގަވާއިދާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ގޮތުގެ މަތިން ޑިރެކްޓަރުުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމުގެ މަޤާމަށް 2 ޑިރެކްޓަރުުން އައްޔަންކުރުން މި އަހަރު ބާއްވާ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ.
ވީމާ، އެމްޓީސީސީގެ ޑިރެކްޓަރުުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
ބޯޑް ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މި ކުންފުނީގެ ހިންގާ ގަވާއިދުގެ 75 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން އާންމުކުރައްވާފައިވާ، "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަށް ވާންވާނެއެވެ. 
75 ވަނަ މާއްދާ
1. ކުންފުނީގެ އަސާސީ ގަވާއިދުގައި ހުރި މަޤުޞަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން؛
2. އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރުެއްގެ މަޤާމު އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރުެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން؛
3. ދިވެހިރާއްޖޭގައި ނުވަތަ އެހެން ވެސް ގައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން؛
4. ވައްކަން، މަކަރާއި ހީލަތް، ފައިސާއަށް ޚިޔާނާތްތެރިވުން، ފައިސާ ގެންގުޅުމުގައި ނޭދެވޭ ގޮތްތަކަށް ޢަމަލުކުރުން، ފައިސާ އަމާނާތެއްގެ ގޮތުގައި ހަވާލުވެހުރެ ޚިޔާނާތް ތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތަ އެނޫންވެސް މައްސަލައެއް ސާބިތުވެފައިނުވުން؛
5. މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައި ވުން؛ 
6. ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން؛
7. މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން؛
8. އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައި ވުން؛
9. ބުއްދި ސަލާމަތުން ހުރި، މީލާދީ ގޮތުން 21 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛ އަދި
10. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުުކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން، 
އަދި, ކުންފުނީގެ ހިންގާ ގަވައިދުގެ 66 ވަނަ މާއްދާގައިވާ ގޮތުން " ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެއްވެސް ވަޒީފާއެއްގައި، ޑިރެކްޓަރުުންގެ ބޯޑަށް ކުރިމަތިލުމަށް އިޢުލާން ކުރާ މުއްދަތާ ހަމަޔަށް ދެމިހުރެއްޖެނަމަ، އެފަދަ މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރުުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައިހުރެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުުންގެ މަޤާމެއް އަދައެއް ނުކުރެވޭނެއެވެ."
އަދި މީގެ އިތުރުން ކުރިމަތިލައްވާ ފަރާތްތަކަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ޑިރެކްޓަރުުންގެ ބޯޑުގައި ތިއްބަވާ މެންބަރުންގެ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވެސް ވާންވާނެއެވެ. 
ވީމާ ދަންނަވަމެވެ. އެމްޓީސީސީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވެވަޑައިގަންނަވާ މި ދެންނެވުނު ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ކޮމްޕެެނީ ސެކްރެޓަރީ/ ކޯޕަރޭޓް ޑިޕާޓްމަންޓަށް އެޑްރެސްކުރައްވައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަ 3323221 (960) ފެކްސް ނަންބަރަށް ނުވަތަ [email protected] އީ-މެއިލަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001122 (960) ނަންބަރާ ގުޅުއްވުން އެދެމެވެ.   
މި މުއްދަތުގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް ޑިރެކްޓަރުުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީގެ ފަރާތުން އިވެލުއޭޓްކޮށް ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުުންގެ ބޯޑަށް ހުށަހަޅާ، ބޯޑުން ނިންމަވާ ގޮތެއްގެ މަތީން ކެންޑިޑޭޓުންނާބެހޭ މަޢުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާން ކުރެވޭނެއެވެ. އަދި ނޮމިނޭޓްވި ޑިރެކްޓަރުުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަށް ޑިރެކްޓަރުުން އިންތިޚާބުކުރާނީ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ވޯޓު ދިނުން
ކުންފުނީގެ ހިންގާ ގަވާއިދުގެ 45، 46 އަދި 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައިވެސް ވޯޓް ދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް، ކުންފުނީގެ ހިއްސާގެއަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ކޮންމެ ހިއްސާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓު ދޭ އުސޫލުން ވޯޓު ނެގިދާނެއެވެ. 
އަތް އުފުލައިގެން ވޯޓް ދޭއިރު ހާޒިރުވި ކޮންމެ ހިއްސާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ. މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓުދޭއިރު ހާޒިރުވި ކޮންމެ މެންބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓުގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުުންގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓުދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވި ކޮންމެ ހިއްސާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ހިއްސާދާރަކަށް، އެ ޖަލްސާގައި ޑިރެކްޓަރުުންގެ ބޯޑުން ހުސްވެފައިވާ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުސޫލުން ވޯޓް ފޮށްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ހިއްސާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ހިއްސާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާޠިލުވާނެއެވެ. 
އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ޑިރެކްޓަރުުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުުންގެ ބޯޑަށް އިންތިޚާބުކުރެވޭ މެންބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓް ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާއިންނެވެ. މިގޮތުން ނަގާ ވޯޓުގެ ނަތީޖާވެސް އެއްވަރުވެއްޖެނަމަ ހިންގާ ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތަށް އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ'.
އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް "އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފޯމު" ކޯޕަރޭޓް ޑިޕާޓްމަންޓް، އެމްޓީސީސީ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމްޓީސީސީގެ ވެބްސައިޓް www.mtcc.com.mv އިން ވެސް މި ފޯމު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 
 
18 ފެބުރުވަރީ 2016
ހޯދާ