ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2017-2016 އަށް އެސްޓީއޯގެ ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން.

އިޢުލާން

2017-2016 އަށް އެސްޓީއޯގެ ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު 10/96 ގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީން މިކުންފުނީގެ "އަހަރީ ޢާންމު ޖަލްސާ 2015" ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މިނޯޓިސްއާއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މިވަގުތު ކުންފުނީގެ ޙިއްޞާ ބެހިފައިވާގޮތުގެ މަތިންނާއި، އަދި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކުރެވިފައިވާގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ޙިއްޞާދާރުގެ ފަރާތުން  ޢައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މިގޮތަށް ޢައްޔަންކުރެވޭ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިގެންވާ ފަރާތްތަކަކަށް ހެދުމަށް އެސްޓީއޯއިން ބާރުއަޅަމެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

  1. ދިވެއްސަކު ކަމުގައިވުން.
  2. 18 އަހަރު ފުރިފައިވުން.
  3. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ޝަރުޠު ހަމަވުން)
  4. ކުންފުނީގެ ޙިއްޞާދާރަކަށްވުން.
  5. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިނުވުމާއި، އަދި ޝަރުޠު ފުރިހަމަނުވާ ފަރާތެއް ކަމުގައި ނުވުން.
  6. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގައި އަދާނުކުރާ ސާބިތު ދަރަންޏެއްވާ ފަރާތެއް ކަމުގައި ނުވުން.
  7. ކުންފުނީގެ މެނޭޖުމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެވޭނެ ނަތީޖާއާއި، ތަޖުރިބާ ވިޔަފާރީގެ ދާއިރާއިން ހާސިލުކޮށްފައިވުން. މިގޮތުން، ކުންފުނީގެ ވިޔަފާރިއާއި، ސްޓޮކް މާކެޓާއި، ކުންފުންޏާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުމާއި، އަދި މިއިން ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން ނުވަތަ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  8. ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  9. ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ ޑިރްކަޓަރުންގެ ދެ ބޯޑަށްވުރެ ގިނަ ބޯޑުގައި ނުހިމެނޭ ފަރާތަކަށްވުން.
  10. މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ  ޤާބިލުކަން ލިބިފައިހުރި ފަރާތަކަށްވުން.
  11. އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑިއަރީ، ޖޮއިންޓު ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ވަޒީފާ އަދާނުކުރާތާ އެއް އަހަރު ވެފައިވާ ފަރާތަކަށްވުން.
  12. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓުވެފައިވާ، ދަރަނިވެރިވެފައިވާ، ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ކުންފުންޏެއްގައި ބޯޑު މެންބަރަކަށް، ޙިއްޞާދާރަކަށް ނުވަތަ މެނޭޖަރަކަށް އުޅުއްވާ / އުޅުއްވާފައިވާ ފަރާތެއްކަމުގައި ނުވުން.
  13. ވައްކަމާއި، މަކަރާއި، ޙީލަތާއި، ޚިޔާނާތާއި، އަދި ފައިސާާއާ ގުޅުންހުރި ކަމެއްގައި ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިނުވުމާއި، އަދި ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމުން ކުންފުންޏަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މިދެންނެވުނު ޝަރުޠުތައް ހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައިއޮފީހަށް ނުވަތަ [email protected] އީމެއިލް އެޑުރެހަށް، ނުވަތަ 3344533 (960) ފެކްސް ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3344383 (960) / 3344373 (960) ނަންބަރާ ގުޅުއްވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެސްޓީއޯގެ މައިއޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓު www.sto.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިދެންނެވި ސުންގަޑިއާ ހަމައަށް މިކުންފުންޏަށް ލިބޭ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުކަމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެކު ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަރވިއުކުރާނެއެވެ.

އެގޮތުން އިވެލުއޭޓުކުރުމުގައި ބެލެވޭނެ މައިގަނޑު ކަންކަމަކީ؛

  1. ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވޭތޯ ބެލުން.
  2. ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވާ ފޯމުގައި ހާމަކުރައްވަންޖެހޭ މަޢުލޫމާތު ހާމަކޮށްފައިވޭތޯ ބެލުން.
  3. ކެންޑިޑޭޓަކީ ބޯޑު ޑިރެކްޓަރެއްގެ ނުވަތަ ކުންފުންނީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުމެއްވާ ފަރާތެއްތޯ ބެލުން.
  4. ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރުޒުވާ ވިޔަފާރިއެއް ކުރާ ފަރާތެއްތޯ ބެލުން ނުވަތަ އެފަދަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށްވޭތޯ ބެލުން.
  5. ކުންފުނީގެ ޙިއްޞާދާރަކަށްވެފައިވާ ތާރީޚު ބެލުން.
  6. ފާއިތުވި 5 އަހަރުގެ ތެރޭގައި ޤާނޫނީ އެއްވެސް ކުށެއް ކޮށްފައިވާ ނުވަތަ އަދަބެއް ލިބިފައިވާ ފަރާތަކަށްވޭތޯ ބެލުން.

ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް އިވެލުއޭޓު ކުރުމާބެހޭ ޕޮލިސީ ކުންފުނީގެ ވެބްސައިޓު www.sto.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ކެންޑިޑޭޓުންނާމެދު މިދެންްނެވުނު ކަންކަން އިވެލުއޭޓުކޮށް އިންޓަރވިއުކުރުމަށްފަހު، ކޮމިޓީން އިޚުތިޔާރުކުރާ ފަރާތްތަކާބެހޭ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅޭނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެމަތިން ކެނޑިޑޭޓުންނާބެހޭ މަޢުލޫމާތު ޙިއްޞާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި މިފަރާތްތަކުގެ މައްޗަށް އަހަރީ ޢާންމު ޖަލްސާގައި ވޯޓެއް ނެގޭނެއެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައި ވާގޮތުގެމަތިން، އެހެންގޮތަކަށް ކަނޑަނާޅާހިނދަކު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ޙިއްޞާގެ ތަމުސީލުކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެންބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މިގަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުމުގެ ގަވާއިދު "ވޯޓު ދިނުމާއި ގުނުމާބެހޭ ގަވާއިދު" މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ