މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ފިހާރަތަކުގައި ވިއްކާ، ކަރަންޓު އުފައްދައި ފޯރުރުވައިދިނުމަށް ބޭނުންކުރާ ސާމާނު ބަލައި ފާސްކުރުން

ކަރަންޓު އުފެއްދުމަށާއި ފޯރުވައިދިނުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރަތައް، ޚާއްޞަކޮށް ކަރަންޓު ނަރާއި ކޭބަލް ވިއްކާ ފިހާރަތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި އޮތޯރިޓީން ކުރިއަށް ގެންދާނެ ވާހަކަ ރާއްޖޭގައި އެތަކެތި ވިއްކާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މިކަމަށްޓަކައި މި އޮތޯރިޓީން ފޮނުވާ އޮފިޝަލުން އެފަދަ ސާމާނު ވިއްކާ ފިހާރަތަކަށް މިއަދުން ފެށިގެން ޒިޔާރަތްކޮށް އެތަންތަނުގައި ވިއްކާ، ކަރަންޓު އުފައްދައި ފޯރުވައިދިނުމަށް ބޭނުންކުރާ ތަކެތި ޗެކުކުރާނެއެވެ. އަދި ޚާއްޞަކޮށް ފިހާރަތަކުގައި ވިއްކާ، ކަރަންޓު ނަރާއި ކޭބަލް އަކީ މި އޮތޯރިޓީން ހުއްދަ ދީފައިވާ ތަކެތިތޯ ޗެކުކުރަމުން ގެންދާނެއެވެ.

މިކަމަށްޓަކައި މި އޮތޯރިޓީން ފޮނުވާ އޮފިޝަލުންގެ އަތުގައި މި އޮތޯރިޓީން ދޫކޮށްފައިވާ އައި.ޑީ. ކާޑު އޮންނާނެއެވެ. މިކަމުގައި މި އޮތޯރިޓީގެ އޮފިޝަލުންނަށް އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް މި އޮތޯރިޓީން މިފަށަނީ، ރާއްޖޭގައި އިމާރާތްތައް ވައިރުކުރުމަށް ބޭނުންކުރާ ކަރަންޓު ނަރާއި ކޭބަލް، ވާންޖެހޭނީ މި އޮތޯރިޓީން ފާސްކޮށްފައިވާ ނަރާއި ކޭބަލް ކަމުގައި  28 ސެޕްޓެމްބަރ 2006 ގައި މި އޮތޯރިޓީގެ ނަންބަރު  7/2006/އައި.ޔޫ.އެލް/151ގެ އިޢުލާނާއި 20 ޖުލައި 2011 ގައި މި އޮތޯރިޓީގެ ނަންބަރު 3/2011/އައި.ޔޫ.އެލް151ގެ އިޢުލާނުން އަދި 10 ޖެނުއަރީ 2012ގައި މި އޮތޯރިޓީގެ ނަންބަރު (IUL)151/1/2012/1 ގެ އިޢުލާނުން ޢާންމުކޮށް އަންގައި އިޢުލާނުކުރެވިފައިވިއަސް، މި އޮތޯރިޓީން ފާސްނުކުރާ، ކަރަންޓު ނަރާއި ކޭބަލް މިހާރުވެސް ބައެއް ފަރާތްތަކުން ރާއްޖޭގައި ވިއްކަމުންދާތީއެވެ. އަދި މި އޮތޯރިޓީން ފާސްކޮށްފައިވާ ނަރާއި ކޭބަލްގެ ގޮތުގައި ވިއްކާ ބައެއް ނަރާއި ކޭބަލް މި އޮތޯރިޓީން ފާސްކޮށްފައިވާ ސްޕެސިފިކޭޝަނާ ދިމާ ނުވާތީ ކަމުގައި ދަންނަވަމެވެ.

މި އޮތޯރިޓީން މި މަސައްކަތް ކުރިއަށް މިގެންދަނީ، މި އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކަރަންޓު ނަރާއި ކޭބަލް ކަރަންޓުގެ ނިޒާމުތަކުގައި ބޭނުންކުރުމަކީ  އެކަމުގެ ސަބަބުން އިންސާނުންނަށާއި ތަކެއްޗަށް ނުހަނު ބޮޑެތި ނުރައްކަލާއި ގެއްލުންތައް ކުރިމަތިވެދާނެ ކަމަކަށްވާތީއެވެ.

ފިހާރަތަކުގައި ކަރަންޓު ނަރާއި ކޭބަލް ވިއްކަވާއިރު އެތަކެއްޗަކީ މި އޮތޯރިޓީން ހުއްދަދަދީފައިވާ ތަކެތިކަން އަންގައިދޭ ސެޓުފިކެޓު ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ބެހެއްޓެވުމަށް ދަންނަވަމެވެ.

‏‏10‏ ރަމަޟާން 1434

18 ޖުލައި 2013
ހޯދާ