މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ލެޑް ސޭވްސް ފޮޓޯގްރަފީ މުބާރާތް 2015

 ލެޑް ސޭވްސް ފޮޓޯގްރަފީ މުބާރާތް 2015

ދިވެހި ރައްޔިތުންގެ މެދުގައި ކަރަންޓު ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ލެޑް ސޭވްސް" އެވެ. މި ތީމުގެ ދަށުން ފޮޓޯތަށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 6 ކެޓަގަރީއަކަށް ބިނާކޮށެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ވާންވާނީ ދިވެހިރާއްޖޭގައި ނެގިފައިވާ ފޮޓޯތަކަކަށެވެ.

ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތައް

 1. ކުރީގައި ބޭނުންކުރި ދިއްލުންތައް
 2. ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތައް
 3. އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުން
 4. އިމާރާތްތަކުގެ ދިއްލުންތައް
 5. އިޖުތިމާޢީ ސަރަޙައްދުގެ ދިއްލުންތައް
 6. ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އައި ތަރައްޤީ

މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާން ވާނެއެވެ.

 1. ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
 2. ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
 3. ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިކަން ނުވަތަ ނޫންކަން (މި ގޮތުން މި މުބާރާތަށް ހުއްދަކުރެވޭ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
 4. ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:

 1. އުފެއްދުން ތެރިކަން
 2. ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
 3. ފަންނުވެރިކަން
 4. ތީމާ ގުޅުންހުރި މިންވަރު

މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ހުށަހެޅޭ ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި އިނާމު ދިނުމުގައި ވަނަ ލިބޭ ފަރާތްތަކަށް އެއް ވަނައަށްވުރެ ގިނައިން ވަނަ ނުދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މި މިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުން ކުރެވޭ ފޮޓޯތަކުގައި އެ ފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.

މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އަދި ފޭސްބުކް ޕޭޖް "LED Saves" އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚު ވަނީ 15 ނޮވެމްބަރ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00އަށް އިތުރުކުރެވިފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

މާފަންނު،

މާލެ، ދިވެހިރާއްޖެ

29 އޮކްޓޫބަރު 2015
ހޯދާ