މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތަކާއި މައިދާންތައް ސާފުކޮށް ބެލެހެއްޓުމާބެހޭ

އިޢުލާން

މާލޭގެ މަގުތަކާއި މައިދާންތައް ސާފުކޮށް ބެލެހެއްޓުމަކީ މި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާކަމެވެ. އެހެންކަމުން މަގުތަކާއި މައިދާންތައް ސާފުކޮށް، ރީތިކޮށް ބޭއްވުމަށްޓަކައި މި މިނިސްޓްރީން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި މި މިނިސްޓްރީގެ ފަރާތުން މިދަނީ މަގުތަކާއި މައިދާން ފަދަ ތަންތަނުގައި ހުންނަ ކުނީގެ ގޮތުގައި ބެލެވޭ ތަކެތި ނަގަމުންނެވެ. މި މަސައްކަތް ކުރަމުންދާއިރު ބައެއް ފަރާތްތަކުން ގަސްތުގައި މާލޭގެ މަގުތަކާއި މައިދާންތަކުގައި ކުނީގެ ގޮތުގައި ބެލެވޭ ތަކެތި (މީގެ ތެރޭގައި ބާވެ، ނުދުއްވޭވަރަށް ހަލާކުވެފައި ހުންނަ ވެހިކަލްތައް ކުންޏާއެކު) ބަހައްޓަމުންދާކަން ވެސް ވަނީ ފާހަގަވެފައެވެ. ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު (2013/R-5) ގައިވާ ގޮތަށް އަމިއްލަޔަށް އުފައްދާ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށް ސަރުކާރުން ކަނޑައަޅާ ތަންތަނަށް ގެންދިއުމަކީ އެ ފަރުދެއްގެ ޒިންމާއެކެވެ. މި ޒިންމާ އުފުލުމުގެ ބަދަލުގައި މަގުތަކާއި މައިދާންތަކަށް ކުނީގެ ގޮތުގައި ބެލެވޭ ތަކެތި އުކާލުމުން ރަށުތެރޭގައި އެކިވައްތަރު ބަލިތައް ފެތުރި އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވެއެވެ. ވީމާ، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގެ ޞިއްޙީ ދުޅަހެޔޮކަމަށް ވިސްނަވައި ރައްކާތެރިގޮތުގައި ކުނި ނައްތާލަން މަސައްކަތް ކުރައްވާ ފަރާތަކަށް ވުމަށް އިލްތިމާސް ކުރަމެވެ.

އަދި ދަންނަވަމެވެ. ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުން މަގުތަކާއި މައިދާންތަކާއި މީހުން އެއްވެ އުޅޭ ތަންތަނަށް ކުނި އެޅުމަކީ ކުށެކެވެ. ވީމާ، މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މަގުތަކާއި މައިދާންތަކާއި މިފަދަ ތަންތަނަށް ކުނި އަޅާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.

13 މުޙައްރަމް  1437

26 އޮކްޓޫބަރު 2015
ހޯދާ