މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިގުމުއްދަތުގައި ފައިސާ ދައްކާގޮތަށް ދޫކޮށްފައިވާ ދޯނިފަހަރަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ދެއްކުން

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން 1997 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރުގެ ނިޔަލަށް ހިންގި މަސްދޯނި ދޫކުރުމުގެ ޕްރޮގްރާމްގެ ދަށުން ދިގު މުއްދަތުގައި (10 އަހަރު) އަގުދައްކާ ނިންމާގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޫކުރި މަސްދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަމުންގޮސްފައިނުވާ ފަރާތްތަކުން 08 ނޮވެންބަރު 2015 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފައިސާ ދެއްކެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ދޯނީގެ އަގުގެގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ މިމިނިސްޓްރީއާ އެފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ޢަމަލުކުރެވޭނެކަމުގައިވެސް ދަންނަވަމެވެ.

ދިގުމުއްދަތުގައި އަގު ދައްކައި ނިންމާގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޫކުރި މަސްދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނައަހަރު ދޯނީގެ އަގުގެ 50 އިން ސައްތަ ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުޞަތު ދީފައިވާނެއެވެ. އަދި މީގެ އިތުރުން ދޯނީގެ އަގުއަދާކުރުމަށް ދަތިވާ ފަރާތްތަކަށް، އެފަދަ ފަރާތްތަކާއި އެމިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުޞަތާއި ދޯނީގެ އަގަށް މިހާރު ނުދެއްކިވާ ޖުމުލަ އަދަދު ދެއްކޭނެ މުއްދަތެއް ދެއްވުމުން އެމުއްދަތަކީ ސަރުކާރުން ޤަބޫލުކުރެވޭ މުއްދަތަކަށްވާނަމަ އެގޮތަށް އެފަދަ ފަރާތާއި އެމިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އިޞްލާޙުކޮށްދިނުމުގެ ފުރުޞަތުވެސް 2010 ވަނަ އަހަރު ދީފައިވާނެއެވެ. އެހެންކަމުން، ފައިސާ ދެއްކުމަށް މިހާރު އަންގާފައިމިވަނީ މަތީގައި ދެންނެވި އެއްވެސް ފުރުޞަތެއްގެ ބޭނުން ހިފާފައިނުވާ، އަދި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށެވެ.

17 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ