މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާނު

ޢީދުގެ ބަންދާ ގުޅިގެން ގިނައަދަދެއްގެ މީހުން ކަނޑު ދަތުރުކުރާނެކަމަށް ފެންނާތީ، ތިރީގައި މި ދަންނަވާ ކަންތައްތަކަށް އުޅަނދު ފަހަރުގެ ވެރިން (އުޅަނދު ދުއްވާ ފަރާތްތަކުން) އުޅަނދުފަހަރުގެ ނެވިން، ފަޅުވެރިން އަދި އުޅަނދުގައި ދަތުރުކުރައްވާ ފަސިންޖަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.

  1. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުގެ ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ ހަތަރުވަނަ ބާބުގެ ބަޔާންކޮށްފައިވާ "ސަލާމަތާއި ރައްކާތެރިކަމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކޮންމެ އުޅަނދަކުންވެސް ފުރިހަމަ ކޮށްގެން ފުރުން.
  2. އުޅަނދުފަހަރުގެ ނެވިންނަކީ ސަނަދު އޮތް ނެތްވެއްކަން އުޅަނދުފަހަރުގެ ވެރިން ޔަގީންކުރުމާއި އެ އުޅަނދަށް ފަސިންޖަރުންނާއި މުދާ އަރުވާފައިވަނީ ހުއްދަ ކުރާ މިންވަރަކަށްތޯ އުޅަނދުގެ ކެޕްޓަން ބެލުމާއި ސަލާމަތީ ކަންކަން ހުރީ ރަނގަޅު ފެންވަރެއްގައި ފަސޭހައިން ބޭނުންކުރެވޭގޮތަށްކަން ޔަގީން ކުރުމާއި މޫސުމާބެހޭ މައުލޫމާތު އުޅަނދުގެ ކެޕްޓަން ހޯއްދަވައިގެން އެ އުޅަނދެއްގައި ދަތުރުފެށުން.
  3. އެއްތައްޓަށްވުރެ ގިނަތައްޓު އަޅާފައިވާ އުޅަނދުފަހަރުގައި މީހުން ނުވަތަ މީހުންނާއި މުދާ އުފުލަންވާނީ ސްޓެބިލިޓީ ކަލްކިއުލޭޝަން ހަދައި މިއޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ. މިގޮތަށް ހުއްދަ ނުހޯދައި އެއްތައްޓަށްވުރެ ގިނަ ތައްޓު އަޅާފައިވާ އުޅަނދުފަހަރުގައި މީހުން އުފުލަންވާނީ ހަމައެކަނި މައި ތައްޓުގައެވެ. އަދި ހުއްދަ ދޭނީވެސް މައިތައްޓުގެ ކެޕޭސިޓީއަށް ވާ އަދަދަށް މީހުން އުފުލުމަށެވެ. މިގޮތަށް ހުއްދަ ދީފައި ހުންނަ އުޅަނދުފަހަރުގައި މައިތައްޓުގައި މުދާޖަހައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ. މިފަދަ އުޅަނދުފަހަރުގައި މުދާ ޖަހަންވާނީ ތައްޓުގެ އަޑީގައި ނުވަތަ އެ އުޅަނދުގެ ފަލްކާތަކުގައިކަން އުޅަނދުފަހަރުގެ ނެވިން ޔަގީން ކުރުމަށްފަހު އުޅަނދު ދަތުރަށް ފުރުން.
  4. މީހުން ނުވަތަ މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާ މިހުންގެ ޖުމުލަ އަދަދު އެނގޭނެ ގޮތަށް މެނިފެސްޓެއް އޮތުމާއެކު އެ އުޅަނދުން އުފުލާ މާބަނޑު މީހުން، ނުކުޅެދޭ މީހުން އަދި ކުޑަކުދިންގެ އަދަދު މެނިފެސްޓުން އެނގެން އޮތުމާއެކު އެ މައުލޫމާތު އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުގެ އަތުގައި ހުރުން.
  5. މީހުން އުފުލުމަށް ހާއްސަ ކޮށްފައިވާ އުޅަނދުފަހަރުގައި ފަސިންޖަރުންގެ ލަގެޖު ފިޔަވައި އެއްވެސް މުދަލެއް އުފުލުމަކީ މަނާކަމެކެވެ. މީހުންނައި މުދާ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުފަހަރުގައި ފަސިންޖަރުން ތިބޭ ސަރަހައްދުގައި ކައްކާ ގޭސްފުޅި، އެހެނިހެން ބާވަތްތަކުގެ ގޭސް ސިލިންޑަރު، ސިމެންތި، ލަކުޑި، ނުރައްކާތެރި ކެމިކަލް، ޕެކްނުކޮށް ހުންނަ ރޯމަސް އަދި މިނޫންވެސް ފަސިންޖަރުންނަށް އުދަނގޫވެދާނެފަދަ މުދަލެއް ބެހެއްޓުމަކީ މަނާކަމެކެވެ. މި ފަދަ އުޅަނދުފަހަރުގައި މިދެންނެވި ބާވަތުގެ މުދާ ހުންނަން ވާނީ ފަސިންޖަރުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދާ ވަކިންކަން ޔަގީން ކުރުމަށްފަހު އެތަކެތި ރައްކާތެރިކޮށް ލޭޝިން ކުރުމަށްފަހު ދަތުރަށް ފުރުން.
  6. މީހުން އުފުލާ އުޅަނދުފަހަރުގައި އެ އުޅަނދަކުން ދަތުރުކުރާ ދިގުމިނަށް ބަލައި ފަސިންޖަރުންނަށް ބޭނުންވާނެ ޖާގަ ދޫކުރަން ވާނެއެވެ. އެގޮތުން 4 ގަޑިއިރަށް ވުރެ ދިގު ދަތުރެއް ކުރާނަމަ ފަސިންޖަރުންނަށް އޮށޯވެވޭނެ ޖާގަ ނުވަތަ ފައިދަމާލެވޭނެ ޖާގަ ނުވަތަ ފަސިންޖަރުން އިށީދެ އިނުމަށް އެކަށޭނަ ފެންވަރުގެ ގޮޑިއެއް އުޅަނދުގައި ހަރުކޮށްފައި ހުރިކަން ޔަގީން ކުރުމަށްފަހު އުޅަނދު ދަތުރަށްފެށުން.

މިދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރަކަށް ވުމާއެކު ހާއްސަ ގޮތެއްގައި އީދު ބަންދަކީ ގިނަ އަދަދަކަށް ކަނޑުމަގުން ޗުއްޓީ ދަތުރުތަކުގައި މީހުން އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ، ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ދަތުރުކުރާ އުޅަނދުފަހަރަކީ ސަލާމަތީ ކަންކަން ފުރިހަމަވެފައިހުރި އުޅަނދުފަހަރުތޯ ރަނގަޅަށް ބެއްލެވުމަށްފަހު ދަތުރުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެވިފައިވޭތޯ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޅި ރާއްޖޭގައި ބަލައިޗެކްކޮށް ސަލާމަތީ މިންގަނޑުތަކާ ހިލާފަށް ދަތުރުކުރައްވާ ފަރާތްތައް ހުއްޓުވައި ގަވާއިދާ ހިލާފަށް ދަތުރުކުރައްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން ކަނޑުދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވައިގެން ގަވާއިދާއެއްގޮތަށް ދަތުރުފަތުރު ކުރައްވަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ.

 2 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ