މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލުން

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލުން

ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާ ބެހޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި، ފާއިތުވީ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، އެއް ބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެން ހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެން ހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާއި ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

މި މަސައްކަތް ކުރުމަށް ރޭވިފައިވަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައެވެ.

މިއަހަރުގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމް ކުރިއަށް ގެންދާނޭ އުސޫލު ތިރީގައި މިވަނީއެވެ.

  • މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އަދި މިނިސްޓްރީ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެއެވެ.
  • މީޑިއާ މެދުވެރިކޮށް އަގުތައް އިއުލާން ކުރެވޭނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފިހާރަތަކުން، މިމިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތައް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމެޓަށް، ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. މި މައުލޫމާތު، ފެކްސް، އީމެއިލް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ.
  • ކޮންމެ ދުވަހެއްގެ 10:30 ގެ ކުރިން ލިބޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނައި) އެންމެ ހެޔޮ އަގުގައި ލިބެން ހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެއެވެ.
  • "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ، މި ޕރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން، އެދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި މި މަޢުލޫމާތަކީ ސީދާ ފިހާރަތަކުން މި މިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަންވެސް ބަޔާން ކުރެވޭނެއެވެ.
  • މި ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ޞައްޙަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކް ކުރާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ރަމަޟާން މަހުގެ ފަހު ހަފުތާއާ ހަމައަށް ހުޅުވިފައިވާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން 24 ޖޫން 2015 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333142 އަށް ގުޅުއްވުން އެދެމެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ