އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސިޑެންޓްތަކުގައި ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމުގެ މުހިންމުކަމާބެހޭ

އެކްސިޑެންޓްތަކުގައި ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމުގެ މުހިންމުކަމާބެހޭ

އައްޑޫސިޓީގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެ މީހުންގެ ފުރާނައަށް ނުރައްކާވަމުން އަންނަ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިމައްސަލައަށް ޙައްލެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން މިދަނީ މަސައްކަތް ކުރަމުންނެވެ.

ލިންކްރޯޑުގައާއި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގައި، މިވޭތުވެދިޔަ މަހެއްހާ ދުވަހު އެކަނިވެސް ބޮޑެތި އެތައް އެކްސިޑެންޓްތަކެއް ހިނގައި 5 މީހަކު މަރުވެފައިވެއެވެ. ޖިސްމާނީގޮތުން ލިބުނު އަނިޔާތަކަށް ފަރުވާހޯދާ މީހުންވެސް މަދެއްނޫނެވެ. އެތައް އުޅަނދެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. ތަފާސްހިސާބަށް ބަލާއިރު ލިންކްރޯޑް ހެދިފަހުން މިހާތަނަށް 60 އަށްވުރެ ގިނަމީހުން އެކްސިޑެންޓްތަކުގައި މަރުވެފައިވުމުން މިއީ ވިސްނާލަންޖެހޭ ކަމެކެވެ.

މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބަކީ، ފުލުހުން ހާމަކުރާ ގޮތުގައި ބާރުސްޕީޑްގައި ދުއްވުމެވެ. އަދި ޓްރެފިކް ގަވާއިދާ ޚިލާފުވެ މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ނުހިތުމެވެ. މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު މިދަނީ ފިޔަވަޅު އަޅަމުންނެވެ. މިއީ އެންމެންގެ ޒިންމާއެކެވެ. ހަމައެކަނި މަގުތަކުގައި ފުލުހުން ބައިތިއްބައިގެން މިކަން ޙައްލުވާކަށްނެތެވެ. ފަރުދުންގެ އަމިއްލަ ޒިންމާވެސް އަދާކުރަން ޖެހެއެވެ. މަގުމަތީގެ ގަވާއިދުތަކަށާއި އަދަބުތަކަށް ނުބަލައި ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނީ އަމިއްލައަށް ޒިންމާ ނަގައިގެން ދުވެލި މަތަކޮށްގެންނެވެ. އަމިއްލަ ސަލާމަތަށާއި އެހެންމީހުންގެ ސަލާމަތަށްވެސް ވިސްނައިގެންނެވެ.

ލިންކްރޯޑުގައާއި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގައި އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބު ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މަގުތަކުގައި ސްޕީޑް ބްރޭކަރ އެޅުމާއި، ޕާކިންގޒޯން ހެދުމާއި، ޓްރެފިކްސައިން ބޯޑުތައް ބެހެއްޓުމާއި ، ޓްރެފިކް ޕޮލިހުންގެ ދައުރު އިތުރުކޮށް ހަރުދަނާކުރުން ހިމެނެއެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ފުރާނައަށް ގެއްލެން މެދުވެރިވަނީ ބޮލަށް ލިބޭ އަނިޔާގެ ސަބަބުން ކަމަށް ހޮސްޕިޓަލްގެ ރިކޯޑުތަކުން އެނގެއެވެ. އެހެންކަމުން އައްޑޫސިޓީގެ މަގުތަކުގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއްކަމުގައި ޤަބޫލުކުރެވޭހިނދު އެންމެހައި ރައްޔިތުންވެސް މިކަމަށް ސަމާލުކަން ދެއްވައި ސައިކަލް ދުއްވަން ޚާއްޞަ ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން އެދި ދެންނެވީމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ