މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އޮންލައިން ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުން

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަކާ ނުލައި، ވެބްސައިޓްތަކާއި، ފޭސްބުކް ނުވަތަ މިނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް، ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުން ވިޔަފާރި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ކުންފުނިތަކާ ޕާރޓްނަރޝިޕްތަކުގެ އިތުރުން، ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް މަހަކު -/20،000ރ (ވިހި ހާސް ރުފިޔާ) އަށްވުރެ އިތުރަށް ލިބޭ އަމިއްލަ ފަރުދުން މި އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ވިޔަފާރި ކުރުމާއި، އަދި ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އެފަރާތަކަށް އެވްރެޖްކޮށް އަހަރަކު -/1,000,000ރ (އެއް މިލިއަން ރުފިޔާ) ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ނުވަތަ ލިބޭނެ ކަމަށް ލަފާކުރެވޭ ފަރާތްތަކާއި، އެފަރާތުގެ ނަމުގައި އިމްޕޯޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި ކުރުމަކީ ޤާނޫނީ ކުށެކެވެ.

ވީމާ، ރަޖިސްޓަރީ ނުކޮށް ވިޔަފާރިކުރާ މިފަދަ ފަރާތްތައް 31 ޖަނަވަރީ 2015 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ދެންނެވީމެވެ. އަދި މި މުއްދަތުގައި ރަޖިސްޓަރީ ނުކޮށް ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު MIRA 101 އާއި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު MIRA 105 މި އޮތޯރިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ޑައުންލޯޑް ކުރެއްވެން ވެސް ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއައްވަލް 1436

28 ޑިސެންބަރު 2014
ހޯދާ