ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މެނެޖްމަންޓް އޮޑިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް – ޑިސެންބަރު 2014

މެނެޖްމަންޓް އޮޑިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް – ޑިސެންބަރު 2014

ސަރުކާރުގެ މުއައްސަސާތައް އުފައްދާފައިވާ މަޤުޞަދުތައް ހާސިލުވަމުންދާ މިންވަރު ދެނެގަނެ، އެ މުއައްސަސާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށްތޯ ބަލައި، އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ސަރުކާރުގެ މުއައްސަސާތައް މެނެޖްމަންޓް އޮޑިޓްކުރުމުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރާނޭ އޮޑިޓަރުން ތަމްރީނުކުރުމަށްޓަކައި "މެނެޖްމަންޓް އޮޑިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" އެއް 14 ޑިސެންބަރު 2014 (އާދީއްތަ) އިން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ އެހީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ސިވިލް ސަރވިސްގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ. މިގޮތުން، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވާންނާނެއެވެ.

  1. މެނެޖްމަންޓުގެ ދާއިރާއިން ނުވަތަ، އޮޑިޓިންގގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،
  2. އިދާރީ ހިންގުމުގެ ދާއިރާ ނުވަތަ، އޮޑިޓިންގގެ ދާއިރާ ނުވަތަ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ދާއިރާގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުން ފެށިގެން މަތީ ފެންވަރުގެ މަޤާމެއްގައި 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މެނެޖްމަންޓް އޮޑިޓިންގގެ ދާއިރާއިން 4 (ހަތަރެއް) ހަފުތާއަށްވުރެ ކުރުނޫން ތަމްރީނެއް ފުރިހަމަކޮށް، ސެޓިފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ،
  4. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން މީގެ ކުރިން ހިންގާފައިވާ މެނެޖްމަންޓް އޮޑިޓިންގއާގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިވުން.

މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަންގެ، މެނެޖްމަންޓް އޮޑިޓްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ރާއްޖޭގެ ބޭފުޅުންނެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ބަހުންނެވެ. އަދި، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 9 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަނަވަރާއި، ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޮމިޝަނުގެ ނަންބަރު 3307368 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ނޮވެންބަރު 2014
ހޯދާ