މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯނު ދޫކުރުމުގެ ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެގޮތުން ލޯނު ނެގުމަށް އެދޭފަރާތްތަކަށް 15 ސެޕްޓެންބަރު 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 16 ނޮވެންބަރު 2014 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެލޯނަށް އެދުމަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 2 މަސްދުވަހަށް ހުޅުވާލަމެވެ.

މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ ޢަދަދަކީ 8.8 (އަށެއް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާ) އެވެ.

މިފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނުތައް ޢަމާޒުކުރެވޭނީ، ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް މަސްދޯނިފަހަރު ބަނުމުގައި ތަކެތީގެ ޚަރަދުބޮޑުވުމާއި، ޒަމާނީ ވަޞީލަތްތައް ހޯދުމާއި އަދި އުޅަނދަށް ބޭނުންވާ އިންޖީނު ހޯދުމުގައި މާލީގޮތުން ޒުވާނުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ، ޒުވާނުން އޮޑިވެރިންނަށް ވުމަށް މަގުފަހިކޮށްދިނުމުގެގޮތުން 60 އިންސައްތަ ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން އިތުރަށް ތަރައްޤީކުރުމަށް ލޯނު ދޫކުރުމަށެވެ.

މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބުރާންޗް، ބާޒާރު ބުރާންޗް އަދި ރާއްޖެތެރޭގެ ބުރާންޗް ތަކުން ލިބެން ހުންނާނެއެވެ.

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސް އިންނާއި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވައިލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ