ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

  1. މަޤާމު:

ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް، M9

ސިވިލް ސަރވިސް ރޭންކް: އީ.އެކްސް-5

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/15,900 ރުފިޔާ (ފަނަރަހާސް ނުވަސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ނޮން-ޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (ސާޅީސްފަސް އިންސައްތަ)

ފޯން އެލަވަންސް:

-/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ)

އެކު ޖުމްލަ:

-/27,555 ރުފިޔާ (ހަތާވީސްހާސް ފަސްސަތޭކަ ފަންސާސްފަސް ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ފެންވަރު ނުވަތަ ޝަރުޠު:

1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓުއުޝަނަކުން، އެޑްމިން، އެޗް.އާރް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 އަހަރުގެ އިދާރީ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓުއުޝަނަކުން، އެޑްމިން، އެޗް.އާރް، ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 7 އަހަރު ދުވަހު ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ މަޤާމުތަކުގައި އިދާރީ ހިންގުމުގައި އުޅެ ތަޖުރިބާ ލިބިފައިވުން.

3. މަތީގައިވާ ޝަރުޠުތަކުގެ އިތުރުން، މި މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި، ލީޑަރޝިޕްއަށާއި، ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. މިގޮތުން ބެލޭނެ ކަންކަން ތިރީގައި މިވަނީއެވެ.

ހ- ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ، ނުވަތަ ބައިނަލް އަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައި ވުމާއެކު ސީނިއަރ މެނޭޖްމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ށ- ސީނިއަރ މެނޭޖްމަންޓުގައި މަސައްކަތްކުރި ދާއިރާގެ ޙިއްސާދާރުންނާއެކު ނުވަތަ ދާއިރާ ޙިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާސިލުކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލުވެވިފައި ވާކަން އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ނ- ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ރ- ވަޒީފާއާ ބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދިނުން.

ބ- ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގު ރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެވިފައިވުމާއެކު، ދާއިރާގެ ޕްރޮފެޝަނަލް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރެއް އަދާކުރުމުގެ ޤާބިލުކަން ހުރިކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ޅ- މި ކޮމިޝަނާއި ކޮމިޝަނާ ގުޅޭ މައްސަލަތަކާއި ކަންކަމުގައި ކޮމިޝަނަށް ލަފާދިނުމުގެ ޤާބިލުކަމާއި، ޤައުމީ، އަދި ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި މި ކޮމިޝަން ތަމްސީލުކުރުމުގެ ޤާބިލުކަން ހުރިކަން އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން. އަދި،

ކ- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމުގެ މައިގަނޑު ޒިންމާތަކާއި މަސްއޫލިއްޔަތު:

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ކޮމިޝަނުގެ ސެކްރެޓޭރިއަޓް ހިންގުމެވެ. މި ގޮތުން، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ޙައިސިއްޔަތުން، އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާޏެއެވެ.

1. ކޮމިޝަނުގެ ޒިންމާދާރު ވެރިޔާގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން، އެކަންކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބުނެފައިވާ ގޮތަށް ކުރުން.

2. ކޮމިޝަންގެ މެންބަރުންގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާނޭ، މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި، ކުރުމަށް ނިންމާ ކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން.

3. ކޮމިޝަނުގެ މުވައްޒަފުންގެ އެންމެހައި ކަންކަން ހިންގެނީ އެކަމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

4. ކޮމިޝަނުގެ ފައިސާއާއި މުދަލާ ބެހޭ އެންމެހައި ކަންކަން ހިންގެނީ އެކަމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

5. އިދާރީ ހިންގުމާ ގުޅޭ ކަންކަމުގައި ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ޙާލަތުތަކުގައި އެކަމުގައި ކޮމިޝަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

6. ކޮމިޝަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭ ގޮތަށް)އާއި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކުރަން ޖެހިއްޖެނަމަ މަސައްކަތް ރާވައި ހިންގުން.

7. ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދައި ލެއްވުމާއި، ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުމުގެ ކަންކަން ރާވައި ހިންގުން.

8. މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާން، ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެނގޭނޭހެން ލިޔެ، މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި، އެކަމާ ބެހޭ ރިކޯޑާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.

9. ކޮމިޝަނަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުމުގެ ކަންކަން ރާވައި ހިންގުން.

10. މުވައްޒަފުންގެ އަހަރީ ޕަރފޮމަންސް އެޕްރެއިޒަލްގެ މަސައްކަތް ރާވައި ހިންގުމާއި، އެޕްރެއިޒަލް ހަދައި ނިމުމުން، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ގަވާއިދާ އެއްގޮތަށް، ކޮށް ނިންމަންޖެހޭ ތާރީޚުތަކަށް ކޮށް ނިންމޭކަން ކަށަވަރުކުރުން.

11. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމުގައި ކޮމިޝަނުގެ ރައީސްއަށް އެހީތެރިވުމާއި، ކޮމިޝަނުގެ ހިންގުމަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނެރޭ އެންގުންތަކާއި އިރުޝާދުތައް މުވައްޒަފުންނަށް އެންގުމާއި، އެކަންކަން ތަންފީޒު ކުރެވޭކަން ކަށަވަރުކުރުން.

12. ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގުމާއި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ބަޖެޓު ހުށަހެޅުން.

13. ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެންބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް އެ ދޭންޖެހޭ ތާރީޚުގައި ދީ ނިންމޭކަން ކަށަވަރުކުރުން.

14. ކޮމިޝަނުގެ އަހަރީ ރިޕޯޓާއި، އަހަރީ ހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް، އެ ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވޭކަން ކަށަވަރުކުރުން.

15. މުވައްޒަފުންނާއި މެންބަރުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައާއި ވަޞީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.

16. ކޮމިޝަނުގެ ބިޑް ކޮމިޓީއާއި، އެޗް.އާރ.އެމް.ޑީ ކޮމިޓީ ހިންގުމާއި، ޗެއަރކުރުން.

17. ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ރިޕޯޓުކުރާ މުވައްޒަފުން ސުޕަރވައިޒް ކުރުން.

18. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާނޭ ޕްރޮގުރާމުތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދޭނޭ ޕްރޮގުރާމުތައް ރާވައި ހިންގުން.

19. ކޮމިޝަނުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން ގުޅިގެން އެކުވެރިކޮށް މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމަށާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން ޢާލާކުރުމަށާއި ސުލްހަމަސްލަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން.

20. މުވައްޒަފުން މަސައްކަތްކުރާ ގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ކޮމިޝަނުގެ ރައީސްގެ ލަފާގެ މަތީން ފިޔަވަޅު އެޅުން.

21. ކަމަށް ކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް މުވައްޒަފުންގައި އަށަގަންނުވައި، މި ސިފަތައް ކުރިއަރުވައި، މަސައްކަތުގެ ރަނގަޅު އަޚުލާޤާއި ނަޒާހަތްތެރިކަމަށް ހިތްވަރުދިނުން.

22. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އިންސާފު ހޯދައިދިނުން.

23. މަސައްކަތުގެ އައު ގޮތްތައް ދިރާސާކޮށް، އެހެން ތަންތަނުގައި ކަންކުރާ ގޮތް ބަލައި، ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންކުރެވިދާނޭ އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރަފް ކުރުމާއި، ކޮމިޝަނުގެ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަސްކޮށް، އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީ ހޯދައި، އެ ކަންކަން ތަޢާރަފްކުރުން.

24. ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާ ވިއުގަކޮށް، ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްސާކުރުމާއި، މަސައްކަތާ ގުޅުންހުރި ރޮނގު ރޮނގުން އައު ހޯދުމާއި ޢިލްމީ ދިރާސާތަކަށް ޝައުޤުބަހައްޓައި، ހޯދައި، ލިބިގަނެ، މެންބަރުންނާ ޙިއްސާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ.

3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިއު.އޭއިން އެޓެސްޓު ކޮށްފައިވާ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

4. ކޯސް ފުރިހަމަކުރުމަށްފަހު އަދި ސެޓުފިކެޓު ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް، ވަޒީފާ އަދާކުރި ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތުތައް (މަހާއި އަހަރު އެނގޭ ގޮތަށް).

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

8. މިހާރު ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

ނޯޓު: އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00 އިން 15:00 އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.

  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • އެޕްލިކޭޝަން ފޯމުގައި ނުވަތަ ވަނަވަރުގައި އީމެއިލް އެޑްރެސް ޖަހަންވާނެއެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

  • 2014 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 15:00ގެ ކުރިން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް، ނުވަތަ އެޕްލިކޭޝަނެއްގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ.

- ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެމަތީން ޕޮއިންޓު ލިބޭ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014
ހޯދާ