އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރަށްރަށުގައި އުފެދިފައިވާ ކުޅިތަކާއި ޗަސްބިންތަކާބެހޭ

ނޫސްބަޔާން

ދިވެހިރާއްޖޭގެ ރަށްރަށުގައި އުފެދިފައިވާ ކުޅިތަކާއި ޗަސްބިންތަކަކީ އެރަށްރަށުގެ މީރުފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ތަންތަނެވެ. މީގެ އިތުރުން ކުޅި، ފާ އަދި ޗަސްބިންފަދަ ތަންތަނަކީ ތިމާވެށީގެގޮތުން މުހިއްމު ސިފަތަކެއް ލިބިފައިވާ ދިރޭތަކެތީގެ ނަސްލުތަކަށް ވެސް ވަރަށް މުހިއްމު ތަންތަނެވެ. ގިނަރަށްރަށުގެ ތަޖުރިބާއަށް ބަލާއިރު ކުޅިފަދަ ތަންތަނަށް އެއްވެސް އަޅާލުމެއްނެތި ދޫކޮށްލާފައި ބޭއްވުމާއި އެތަންތަނަށް އެކި ބާވަތްބާވަތުގެ ކުނިއަޅަމުންގެންދާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތަނުގެ މާހައުލަށް ބަދަލުއައިސް އެތާގައި އުޅޭ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމީ މިއެޖެންސީން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.

އެނގިވަޑައިގަންނަވާނެފަދައިން ކުޅި، ފާ އަދި ޗަސްބިންފަދަ ތަންތަނުގެ މުހިއްމު ސިފަތައް ރައްކާތެރިކުރުމުގެ ގޮތުން އެތަންތަނަށް ކުނިއެޅުމަކީ ގާނޫނު ނަންބަރު 93/ 4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)ގެ ބާރުލިބިގެން ހަދާފައިވާ 'ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު'ގެ 11 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނާކޮށްފައެވެ. އަދި ހަމައެހެންމެ އެތަންތާގެ ވަށައިގެން 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހެދިފައި ހުންނަ އެއްވެސް ބާވަތެއްގެ ރުއްގަސް ކެނޑުންވަނީ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު"ގެ 3 ވަނަ މާއްދާގެ (ށ) އިން މަނާކޮށްފައެވެ.

ވީމާ މިފަދަތަންތަނާއި އެތާގައިވާ ދިރުންތައް ރައްކާތެރިކަންމަތީ ދެމެހެއްޓޭނީ ކައުންސިލްތަކާއި އާއްމު ފަރުދުންގެ އެއްބާރުލުން ލިބިގެންކަމަށްވާތީ، މިފަދަތަންތަން ރައްކާތެރިކުރުމަށްޓަކައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރަމުން ގެންދިއުމަށް ދެންނެވީމެވެ.

20 ޛުލްޤަޢިދާ 1435 

15 ސެޕްޓެންބަރު 2014
ހޯދާ