މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އަލްފަތުހު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ބާޠިލުކުރުމާބެހޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހި ސަރުކާރުގެ ގެޒެޓުގައި 12 ފެބުރުވަރީ 2014 ގައި ޝާއިޢުކޮށް ޢަމަލުކުރަމުންގެންދާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏެއް ކަމުގައިވާ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވަނީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 10 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ބައެއް ރައްޔިތުންގެ އަތުން ޙައްޖަށް ގެންދާނެކަމަށް ބުނެ ފައިސާ ނަގާފައެވެ. އަދި ޙައްޖުގެ ހުރިހާ ތައްޔާރީތައްވެ، ޙައްޖު ކާޑު ހަދައިދިނުމަށްފަހު، ޙައްޖަށް މިއަހަރު ނުގެންދެވޭނެކަމަށް މިވަނީ އެފަރާތްތަކަށް އަންގާފައެވެ. އަދި މި މިނިސްޓްރީން، މިކަން ހިނގާފައިވާގޮތް އަންގައިދިނުމަށް އެދުމުން، އެކުންފުނިން ވަނީ، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާ ޚިލާފަށް ފައިސާ ނެގިކަމަށް ލިޔުމުން މިނިސްޓްރީއަށް ޖަވާބުދާރީވެފައެވެ.

ވީމާ، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބޭ ބާރުގެ ދަށުން މި ކުންފުންޏަށާއި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތަކުން ހިންގާ ކުންފުންޏަކަށް 2015 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޫނުކުރާގޮތަށް މިނިސްޓްރީން ނިންމައިފީމެވެ. އަދި މި ކުންފުންޏާއި ކުންފުނީގެ އެއްވެސް ޑިރެކްޓަރަކަށް ޢުމްރާއަށް ރާއްޖެއިން މީހުން ގެންދިއުމުގެ މަސައްކަތް ނުކުރެވޭގޮތަށްވެސް ނިންމައިފީމެވެ. ވީމާ، މި ފަރާތްތަކާއެކު ޙައްޖަށް ނުވަތަ ޢުމްރާއަށް ދިއުމަށް އެއްވެސް ފައިސާއެއް ނުދެއްކެވުން އެދި ދެންނެވީމެވެ.

އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންނަކީ މ.އެކްސަލް، މާލެ، މުސްތަފާ މުޙައްމަދު؛ ހ.ސިއްކަގޭ ހުޅަނގުބައި، މާލެ، މަރިޔަމް ރަޝީދާ އިބްރާހީމް؛ މުޝްތަރީގެ، ދ. މީދޫ، މުޙައްމަދު އަސްލަމް؛ އަދި މ. އެކްސަލް، މާލެ، އިސްމާއީލް ސުވައިދެވެ.

20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ