ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ތަންތަނަށް ނަންކިޔުމުގައާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދިނުން

ދެންނެވުން

15 ޛުލްޤަޢިދާ 1435  

10 ސެޕްޓެންބަރު 2014

ތަންތަނަށް ނަންކިޔުމުގައާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދިނުން

ޤާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކާއި ތަންތަނަށް ނަން ކިޔުމުގައާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެއެވެ. ހަމައެހެންމެ އެ މާއްދާގެ (ނ)ގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ  ރަށްރަށުގައި އާންމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ. އެ މާއްދާގެ (ރ) ބަޔަނާވެގެންވާ ގޮތުން ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާނަމަ އެ ލިޔުމެއް ތާނަ އަކުރުން ލިޔެފައިވާ ލިޔުމަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

ވީމާ، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކާއި ތަންތަނަށް ނަން ކިޔުއްވުމުގައާއި ނަންބޯޑު ތައްޔާރުކުރެއްވުމުގައި ދިވެހިބަހަށް އިސްކަން ދެއްވުމަށް ދަންނަވަމެވެ. އަދި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓަވާ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ފާޅުކޮށް ބޮޑުކޮށް ތާނަ އަކުރުން ލިޔުއްވުމަށް ދަންނަވަމެވެ. ތާނަ ފިޔަވައި އެހެން އަކުރަކުން ލިޔުއްވާނަމަ އެ ލިޔުމެއް ތާނަ އަކުރުން ލިޔުއްވާ ލިޔުމަށްވުރެ ބޮޑު ނުކުރެއްވުމަށް ވެސް ދަންނަވަމެވެ. 

10 ސެޕްޓެންބަރު 2014
ހޯދާ