މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސަރކިއުލަރ 2014

މި މިނިސްޓްރީން ދަނޑުވެރިކަމަށާއި މަސްވެރިކަމަށް އަދި އެކަމާ ގުޅުންހުރި ދިރާސާތަކާއި މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށަކީ އެ ރަށްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި އެހެން ގޮތްތަކުންވެސް ދިވެހި ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާކުރަނިވި ގޮތްތައް ހޯދުމުގެ މަޤްޞަދުގައި ދޫކުރެވިފައިވާ ރަށްރަށެވެ. އެރަށްރަށް ދޫކޮށްފައިވަނީ މި މިނިސްޓްރީއަށް އެރަށަކާ ބެހޭގޮތުން ހުށަހެޅުނު ހުރިހާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެ ޕްރޮޕޯސަލާއެކު ހުށަހަޅާފައި އޮންނަ ވޯކްޕްލޭނަށްވެސް ބަލައިގެންނެވެ. އަދި ދެފަރާތުން ކުރެވޭ އެއްބަސްވުންތަކަށް މި މިނިސްޓްރީން ޢަމަލު ކުރަމުން ގެންދަނީ ޤާނޫނު ނަންބަރު 91 /4 (ދިވެހި ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ ދަށުންނެވެ.

ނަމަވެސް މި މިނިސްޓްރީން ދިގުމުއްދަތަށް ދޫކޮށްފައި ހުރި ފަޅުރަށްތަކުގެ ތެރެއިން ގިނަ ރަށްރަށުގައި، މި މިސްޓްރީއަށް ހުށަހަޅާފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ނުގެންދަވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހަމަ އެފަދައިން އެއްބަސްވުމުގައިވާ ގޮތުގެމަތީން މަސައްކަތްތައް ބެލުމުގެ ގޮތުން މި މިނިސްޓްރީއަށް ފޮނުއްވަންޖެހޭ ރިޕޯޓްވެސް ގިނަ ފަރާތްތަކަކުން ޤަވާޢިދުން ފޮނުއްވަމުން ނުގެންދަވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. ހަމަ އެއާއެކު ފަޅުރަށް ދިގު މުއްދަތަށް ނަންގަވައިގެން އުޅުއްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ދީފައިވާ އެޑްރެހުގައި ނޫޅުއްވުމުގެ ސަބަބުން އެފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައްވެސް ރައްދު ކުރުމުގައި ތަކްލީފްތަކެއް އުފުލަންޖެހޭކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ.

ވީމާ، މި ސަރކިއުލާ ލިބިވަޑައިގަންނަވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މިހާރު ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން ނުގެންދާ ރަށްރަށުގެ މަސައްކަތްތައް އެ ވޯކްޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އެއްބަސްވުމުގައިވާ ގޮތުގެމަތީން މި މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓް ޤަވާޢިދުން ފޮނުއްވަމުން ގެންދެވުމަށް އަންގަމެވެ. އަދި މި މިނިސްޓްރީއަށް ދީފައިވާ އެޑްރެސް ބަދަލުވުން ނުވަތަ ފޯނު ނަންބަރު ބަދަލުވުން ފަދަ ކަމެއް މެދުވެރި ވެފައިވާނަމަ އެކަމުގެ މަޢުލޫމާތު މި މިނިސްޓްރީއާ ޙިއްޞާ ކޮށް، ރެކޯޑުތަކުން އެކަން ރަނގަޅު ކުރުމަށް ދަންނަވަމެވެ.

މިސަރކިއުލާގެ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކަންކަން އިޞްލާޙް ނުކުރައްވަވައިފިނަމަ މި މިނިސްޓްރީއާއި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާ ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އަދި ޤާނޫނު ނަންބަރު 91 /4 (ދިވެހި ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ވާގޮތުގެމަތިން ފިޔަވަޅު އަޅާނޭ ކަމުގައި ދެންނެވީމެވެ.

14 ޝައްވާލް 1435

10 އޮގަސްޓް 2014
ހޯދާ