ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޝަރީޢާ އެޑްވައިޒަރ ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު

  1. ޝަރީޢާ އެޑްވައިޒަރުންނަކީ ކޮބާ؟

ޝަރީޢާ އެޑްވައިޒަރުންނަކީ، ޞުކޫކް ސްޓްރަކްޗަަރ ކުރުމާއި އިސްލާމިކް ކެޕިޓަލް މާރކެޓްގެ އެކިއެކި ޕްރޮޑަކްޓްތައް ކޯޕަރޭޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ ލަފާ ހޯދުމަށް، ކުންފުނިތަކުން/އިޝުއަރ ޢައްޔަންކުރާ ފަރާތެކެވެ. އަދި މިފަރާތަކީ ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭނެއެވެ.

  1. ޝަރީޢާ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުއްދައެއް ނަގަންޖެހޭތަ؟

އާނއެކެވެ. ޝަރީޢާ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

  1. ޝަރީޢާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގެ ޝަރުޠުތަކަކީ ކޮބާ؟

ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކުގެ ޝަރުޠުތަކަކީ:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަޒުކަޒަކުން ޝަރީޢާގެ ރޮނގުން ޑިގްރީއެއް، ޚާއްސަކޮށް،  ފިޤްހުލް މުޢާމަލާތު ނުވަތަ އުޞޫލުލް ފިޤްހު ނުވަތަ ޝަރީޢާ އެންޑް ލޯ ގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށްވުން، ނުވަތަ މޯލްޑިވޮސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ބެޗްލާރސް އޮފް ލޯ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ސީ.އެމް.ޑީ.އޭއިން ގަބޫލޫކުރާ ޝަރީޢާއާގުޅޭ މާއްދާތައް ފުރިހަމަކޮށްފައިވުން؛ އަދި
  • އިސްލާމިކް ފައިނޭންސްގެ ރޮނގުން އެންމެ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން؛ އަދި
  • އޮތޯރިޓީން ކުރިއަށް ގެންދާ، މިކަމާގުޅޭ އިމްތިޙާނަކުން ފާސްވެފައިވާ ފަރާތަކަށްވުން ނުވަތަ އޮތޯރިޓީން ގަބޫލުކުރާ ސެކިއުރިޓީޒް ކޮމިޝަނެއްގައި ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަމުގައިވުން؛ އަދި
  • އޮތޯރިޓީއިން ކަނޑައަޅައިފައިވާ 'ފިޓް އެންޑް ޕްރޮޕަރ' ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވުން.
  1. ޝަރީޢާ އެޑްވައިޒަރުންގެ އިމްތިޙާނުގައި ބައިވެރިވުމަށް ފީއެއް ދައްކަންޖެހޭތަ؟

އާނއެކެވެ. އިމްތިޙާންގައި ބައިވެރިވުމަށް -/250 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.

  1. ޝަރީޢާ އެޑްވައިޒަރަކަށް ރަޖިސްޓަރީވުމަށް އެދިހުށަހަޅާނީ ކިހިނެތް؟

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާއިބެހޭ ގަވާއިދުގައިވާ އެޕްލިކޭޝަން ފޯމުންނެވެ. ޝަރީޢާ އެޑްވައިޒަރަކަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ތިރީގައިވާ ލިންކްއިން ޑައުންލޯޑްކުރެވޭނެއެވެ.

http://cmda.gov.mv/docs/shariah-advisers-registration-regulation.pdf

  1. ޝަރީޢާ އެޑްވައިޒަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓަރީގެ މުއްދަތަކީ ކޮބާ؟

ރަޖިސްޓަރީގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި ކޮންމެ 2 (ދޭއް) އަހަރަކުން ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާއިބެހޭ ގަވާއިދުގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ރަޖިސްޓްރޭޝަން އައުކުރުމަށް އެދެންވާނެއެވެ.

  1. ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީވުމަށް ފީއެއް ދައްކަންޖެހޭތަ؟

އާނއެކެވެ. ޝަރީޢާ އެޑްވައިޒަރުންގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތްތަކުން އަހަރީ ފީގެ ގޮތުގައި -/1200 (ބާރަ ސަތޭކަ) ރުފިޔާ ދައްކަންޖެހޭނެއެވެ.

  1. ރަޖިސްޓްރ ކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއްކަން އެނގޭނީ ކިހިނެތް؟

ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއްނަމަ، އެފަރާތަކަށް ސީ.އެމް.ޑީ.އޭއިން ރަޖިސްޓަރީ ކޮށްފައިވާކަމުގެ ލިޔުމެއް ދޫކުރާނެއެވެ. އަދި އެފަރާތުގެ ނަން ހުއްދަކޮށްފައިވާ ލިސްޓުގައި (ސީ.އެމް.ޑީ.އޭގެ ވެބްސައިޓްގައި) ޝާޢިއުކޮށްފައި ހުންނާނެއެވެ.

  1. ޝަރީޢާ އެޑްވައިޒަރުންގެ ޒިންމާއަކީ ކޮބާ؟

ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ދެމިހުންނަ ހިނދެއްގައި ތިރީގައިވާ ޒިންމާތައް އަދާކުރަންޖެހޭނެއެވެ.

  • ހުރިހާ ވަގުތެއްގައިވެސް އެފަރާތެއްގެ ކްލައެންޓުން ހާމަކޮށްފައިވާ މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ދަމަހައްޓަން ވާނެެއެވެ.
  • އެފަރާތުގެ މަސައްކަތާއި ހަވާލުވުމުގައި އަދި އެމަސައްކަތް ކުރިއަށް ގެންދިއުމުގައި އެއްވެސް ކަހަލަ މަސްލަހަތު ތަޢާރަޒުވުމެއް ނެތްކަމަށް ޔަޤީންކުރަންވާނެއެވެ.
  • ކްލައެންޓެއްގެ މަސައްކަތާއި ހަވާލުވުމަށްފަހު، ޝަރީޢާ އެޑްވައިޒަރު އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
  • ކޯޕަރޭޓް ޕްރޮޕޯސަލްތައް އޮތޯރިޓީއިން ދިރާސާކުރުމުގައި، ޝަރީޢާ އެޑްވައިޒަރު އެއްބާރުލުން ދޭންވާނެއެވެ.

ޝަރީޢާ އެޑްވައިޒަރުންނާގުޅޭ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv ނުވަތަ  [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ފޯނުންނަމަ މިއޮތޯރިޓީގެ ނަންބަރު 3336619 އަށް ގުޅުއްވުން އެދެމެވެ.

 07 ޝައްވާލް 1435

03 އޮގަސްޓް 2014
ހޯދާ