އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ޢަމަލުކުރަން ފެށުން

5 އޮގަސްޓު 2014 ވަނަ ދުވަހު ގެޒެޓު ކުރެވިފައިވާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް 5 ފެބުރުވަރީ 2014 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފެށިފައެވެ. އެގޮތުން މި ގަވާއިދުގެ މާއްދާތައް 13 (ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި އުފެދޭ ކުނި ޖަމާކޮށް ބަލަހައްޓާނެ ވަސީލަތެއް ޤާއިމުކުރުމާބެހޭ މާއްދާ)، 14 (ބަނދަރުތަކުގައި ކުނި ޖަމާކުރުމާބެހޭ މާއްދާ) އަދި 16 (ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ހުއްދަ ހޯދުން) ފިޔަވައި އެހެން ހުރިހާ މާއްދާތަކަށް ވަނީ ޢަމަލުކުރަން ފެށިފައެވެ. މި ގަވާއިދުގެ 11 ވަނަ މާއްދާ (ހުއްދަނެތި އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުން މަނާކުރުމާބެހޭ މާއްދާ) ގެ (ށ) ގައި އެއްވެސް ޙާލަތެއްގައި ކުނި އަޅައިގެން ނުވާނެ ތަންތަން ވަނީ ކަނޑައެޅިފައެވެ. އެ ތަންތަނަކީ (1) ޤާނޫނު ނަންބަރު 4/93 ގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް، (2) ކުޅި އަދި ޗަސްބިން، (3) ރަށްރަށުގެ ފަޅުތެރެ، (4) ފަރު، (5) ފަޅު، (6) ފިނޮޅު، (7) ރަށްރަށުގެ އަތިރިމަތި، (8) ރަށްރަށުގެ ހޭޅިފަށް، (9) ބަނދަރު، (10) ޕާކު، އަދި (11) މަގުމަތި މިތަންތަނެވެ.

މަތީގައި ދަންނަވާފައިވާ ތަންތަނުގެ ތެރެއިން އެއްވެސްތަނަކަށް އެއްވެސް ޙާލަތެއްގައި ކުނި އެޅުމަކީ ނުވަތަ ކުނި ބެހެއްޓުމަކީ ކުށެއްކަމުގައި މި ގަވާއިދުގައިވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިއިންތަނަކަށް އެއްވެސް ޙާލަތެއްގައި ކުނި އަޅާއިފިނަމަ އެކަން ކުރި ފަރާތެއް ޖޫރިމަނާ ކުރެވޭނެކަމުގައިވެސް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ވީމާ، މި ގަވާއިދުގެ 11 ވަނަ މާއްދާއަށް ފުރިހަމައަށް ޢަމަލުކުރަން ފަށާފައިވާތީ، މިމާއްދާގެ ދަށުން އެއްވެސް ޙާލަތެއްގައި ކުނި އެޅުން މަނާ ތަންތަންކަމުގައި ބުނެފައިވާ ތަންތަނުގެ ތެރެއިން އެއްވެސް ތަނަކަށް ކުނި އަޅާ ކުނި އުކާ ފަރާތްތަކަށް މި ގަވާއިދުގައި ބުނެފައިވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ކުނި އެޅިކަމަށް ބަލާނެ ކަންތައްތަކުގެ ތެރޭގައި، އިޝްތިހާރު ކުރުމުގެ ނަމުގައި ކުދި ކުދި ކަރުދާސް ކޮޅުތައް ހަދައި މަގުމަތީގައި ޕާކު ކޮށްފައި ހުންނަ ސައިކަލްތަކުގެ ވަށިގަނޑުތެރެއަށް ލުމާގުޅިގެން އެ ސައިކަލެއްގެ ވެރިފަރާތުން އެ ވަށިގަނޑުގައި ހުރި އެފަދަ ކަރުދާސްކޮޅުތައް ނުވަތަ އިޝްތިހާރުތައް މަގުމައްޗަށް އުކާލުންވެސް ބެލެވޭނީ މަގުމައްޗަށް ކުނި އެޅުންކަމުގައެވެ. އެގޮތަށް މަގުމައްޗަށް ކަރުދާސްތައް އަޅައިފިނަމަ އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އަދި މިނޫނަސް އެކި އެކި ގޮތްގޮތުން އެތަން މިތަނަށް ކުނި އަޅާ ފަރާތްތަކާމެދު ގަވާއިދުގައި ބުނެފައިވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ. 

19 ޖޫން 2014
ހޯދާ