ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާ (ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް) އަށް ގެނެވުނު އިޞްލާޙުތައް ތަންފީޛުކުރުމާބެހޭ

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙުގައި، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (3)، (4)، (5) އަދި (6) ވަނަ ނަންބަރަށް އިޞްލާޙު ގެންނަވާފައިވާތީ، އެ ޤާނޫނު ތަޞްދީޤުކޮށް ގެޒެޓްކޮށްފައިވާ 2021 މޭ 18 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކަށް ސިވިލް ސަރވިސްގެ ހުރިހާ އިދާރާއަކުން ފުރިހަމައަށް ޢަމަލުކުރަންޖެހެއެވެ.

ނަމަވެސް، މި ދެންނެވި އިޞްލާޙުތަކާ ގުޅިގެން ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައިވަނީ، 2021 ޖޫން 3 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން، އެއާ ގުޅޭ ބަދަލުތައް ސީއެސްވިއުގައަށް ގެނައުމުގެ މަސައްކަތް މި ވަގުތު ކޮމިޝަނުން ކުރަމުން ގެންދާތީ، އިދާރާތަކުން ކަށަވަރުކުރަންޖެހޭ ކަންކަމާގުޅޭ ޗެކްލިސްޓް ސީއެސްވިއުގައަށް އިތުރުކުރެވެންދެން، އަންނަނިވި ގޮތުގެމަތިން ސިވިލް ސަރވިސްގެ އިދާރާތަކުން ޢަމަލުކުރެއްވުމަށް ދެންނެވީމެވެ.

  1. 18 މޭ 2021 އިން ފެށިގެން ވަޒީފާ ހަމަޖައްސާފައިވާ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި މިހާރު ބަޔާންކުރާ ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެގެންކަން ކަށަވަރުކުރުމަށް މި ސަރކިއުލަރއާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، އެ މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސި ސީއެސްވިއުގައިގެ ރިކުއެސްޓްގެ ނޯޓްސް ބައިގައި އެޓޭޗްކުރުން.
  2. 18 މޭ 2021 އިން ފެށިގެން ވަޒީފާ ހަމަޖެއްސުމަށް ހުށަހަޅާ ރިކުއެސްޓްތަކުގައި، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމަށް ހުށަހަޅަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި މިހާރު ބަޔާންކުރާ ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެގެންކަން ކަށަވަރުކުރުމަށް މި ސަރކިއުލަރއާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރުމަށް ފަހު، ސީއެސްވިއުގައިގެ ރިކުއެސްޓާ އެޓޭޗްކުރުން. އަދި ސީއެސްވިއުގައިގެ ސިސްޓަމަށް މި ޗެކްލިސްޓް އިތުރުކޮށް ކޮމިޝަނުން އެ ކަން އަންގަންދެން، ތިރީގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު، ފޯމާއެކީ ވަޒީފާއަށް މީހުން ހަމަޖެއްސުމުގެ ރިކުއެސްޓްތައް ފޮނުވަމުން ގެންދިއުން.

ވީމާ، މަތީގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސްގެ އިދާރާތަކުން އަމަލުކުރަމުން ގެންދިއުމަށް ދެންނެވީމެވެ.

07 ޖުލައި 2021
ހޯދާ