މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދޫކުރުން ނިމުމަކަށް ގެނައުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި މޮނިޓަރިންގ ޙާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުން ނިމުމަކަށް ގެނެސް، ޢާންމުކޮށް ދަތުރުފަތުރު ކުރުން ހުޅުވާލެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 23L/CIR/2021/13 (22 ޖޫން 2021) ސަރކިއުލަރ އިން އަންގާފައިވާތީ ދަންނަވަމެވެ.

މޮނިޓަރިންގެ ޙާލަތުގައި އޮންނަ ރަށަކަށް އަރާ ފޭބުމުގެ ހުއްދަ ދޫކުރާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަމަށްވާތީ، މިހުއްދައަށް އެދިލެއްވުމަށްޓަކައި، ދަތުރުކުރަން ބޭނުންވާ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު، ފޯނު ނަންބަރު އަދި ރ.މަޑުއްވަރިން ފުރުމަށް ނުވަތަ އައުމަށް ބޭނުންވާ ސަބަބު ލިޔުއްވުމަށްފަހު، އެކަމަކާއި ގުޅުންހުރި (މެޑިކަލް ލިޔުން، ވަޒީފާއާއި ގުޅޭ ލިޔުން، ޗުއްޓީޗިޓް ފަދަ ލިޔުންތަކާއިއެކު) އެޗް.ޕީ.އޭގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި މިގޮތަށް ފޮނުވާ މެއިލް [email protected] އަށާއި [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ. މޮނިޓަރިންގައިވާ ރަށަކަށް ދަތުރުކުރުމަށް ކައުންސިލްގެ އިތުރު ހުއްދައެއް ބޭނުންވާ ކަމުގައި ވާނަމަ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން 14:00 އާއި ދެމެދު ހުއްދަ ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ހޮޓްލައިން 7580025 އާއި ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

23 ޖޫން 2021
ހޯދާ