ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމާގުޅޭ

ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައެޅުމާއި، ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ގޮތާއި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރުމާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމަކީ ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: 1066-އާރު/2019 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ ދަށުން ބާ ކައުންސިލުން ކުރާ ކަމެކެވެ.

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދުގައި ކަނޑައަޅަފައިވާ ގޮތުން ނޯޓަރއިޒްކުރެވޭ ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރުކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ، ނޯޓަރައިޒްކޮށްދޭ ވަކީލުގެ ޙާޟިރުގައި ކަމަށާއި، އަދި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރާ ކޮންމެ ޤާނޫނީ ވަކީލަކުމެ، އެ ފަރާތުން ފޯރުކޮށްދޭ ނޯޓަރައިޒްކުރުމުގެ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ލާޒިމުކޮށްފައިވެއެވެ. އަދި ޚިދުމަތުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޕަބްލިކް ނޯޓަރީގެ ޙުއްދަ ލިބިފައިވާ ފަރާތްތަކުން އެފަރާތްތަކަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަ ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ކަމަށާއި ސިއްކަ ބޭނުންކުރަންވާނީ ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކޮށްފައިވާ ފަރާތުން އެކަނިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޕަބްލިކް ނޯޓަރީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދާ ޚިލާފުވާ ފަރާތްތައް އެޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރު -/25,000 (ފަންސަވީސް ހާސް) ރުފިޔާ އާއި -/50,000 (ފަންސާސް ހާސް) ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން، އަދި ދެވަނަ ފަހަރު -/50,000 (ފަންސާސް ހާސް) ރުފިޔާ އާއި -/150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން، އަދި ދެފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުވާނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، އިތުރަށް ޖޫރިމަނާ ކުރެވޭ ކޮންމެ ފަހަރަކު -/150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ އާއި -/300,000 (ތިންލައްކަ) ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެފަރާތުގެ ޕަބްލިކް ނޯޓަރީގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުން ނުވަތަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި ޕަބްލިކް ނޯޓަރީގެ ހުއްދަ ބާޠިލުކުރުމުގެ ބާރުވެސް ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި އެ ޢަމަލަކީ ޤާނޫނީ ވަކީލުކަމުގެ ސުލޫކާ ޚިލާފު ޢަމަލެއްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ބާ ކައުންސިލުން އަޅާނޭވާހަކަ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދިނުމާއެކު، ޕަބްލިކް ނޯޓަރީގެ ޚިދުމަތް ދެނީ ޕަބްލިކް ނޯޓަރީގެ ހުއްދަ ލިބިފައިވާ ފަރާތަކުންކަން އެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ޔަޤީންކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު މި ކައުންސިލުގެ އިދާރާއަށް ރިޕޯޓްކުރައްވަމުން ގެންދެވުމަށްވެސް ދަންނަވަމެވެ.

 

18 މޭ 2021
ހޯދާ