ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 އާއި ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު ފޮތް އިޞްލާޙުކޮށް އާންމުކުރުން"

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ވީހާވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެގޮތުން މަގާމުތަކުގެ ކްރައިޓީރިއާތަކަށް ބަދަލުތަކެއްގެނެސް، އަދި "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021" އަށް އަމަލުކުރުމުގައި އިދާރާތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްޞީލުކޮށް ދިނުމުގެ ގޮތުން، މިހާރު އަމަލުކުރަމުންދާ އުޞޫލު އިޞްލާޙުކޮށް، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު)" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

 އަދި،ސިވިލް ސަރވިސްގެ "ސަޕޯޓް ސަރވިސް" ގެ ރޭންކުތަކަށް މީހުން ނެގުމުގައި އިދާރާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެ ރޭންކުތަކުގެ ޝަރުތުތަށް އިޞްލާޙުކޮށް "ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (8 ވަނަ އިޞްލާޙު)" ވެސް މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.  

މި އުޞޫލާއި ޝަރުތުތަކަށް ޢަމަލުކުރަން ފަށާނީ، 2021 ޖޫން 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި 2021 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިޢުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021" އާ އެއްގޮތަށެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލާއި ޝަރުތުތަކަށް ފުރިހަމައަށް އަހުލުވެރިވެ، މި އުޞޫލުތަށް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

މީގެ ކުރިންވެސް އަމަލުކުރަމުންދާ ގޮތަށް އައްޔަންކުރުމުގެ އުޞޫލާއި، އެ އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

http://www.csc.gov.mv/recruitment-usoolu

 

09 މޭ 2021
ހޯދާ