މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އޮއިވާލި ކަނދުފަތި ހަރުކޮށްފައިވާ ޕޮޒިޝަން ބަދަލުކުރުން:

ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށްގެން މިމިނިސްޓްރީން ރާއްޖޭގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިޔުގައަކީ ކަޅުބިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް، ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކުރައްވައިގެން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ތަކެކެވެ.

މިމިނިސްޓްރީން އޮއިވާލި ކަނދުފަތި ހަރުކުރަމުންދަނީ، އާންމުކޮށް އިޢުލާނުކޮށްފައިވާ އުޞޫލުތަކެއްގެ މަތިންނެވެ. މިގޮތުން ކަނދުފަތި ހަރުކުރާ ސަރަޙައްދު ސަރވޭކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައެވެ. ނަމަވެސް، ފަހަކަށް އައިސް ކަނދުފަތިހަރުކުރަން މިނިސްޓްރީގެ ޓީމު އެކަނދުފައްޗެއް އޮންނަ ސަރަޙައްދަށް ދިއުމުން، ބައެއް ރަށްރަށުގެ މަސްވެރިންނާއި ރަށުކައުންސިލްގެ އެދުމުގެ މަތިން، ކަނދުފަތި ހަރުކުރާ ޕޮޒިޝަން ބަދަލުކޮށްފައިވާނެއެވެ. ނަމަވެސް، މިގޮތަށް ޕޮޒިޝަން ބަދަލުކުރުމުން، އެހެން ރަށްރަށުގެ މަސްވެރިން އެކަމާ ނުރުހުން ފާޅުކޮށް މިނިސްޓްރީއަށް ޝަކުވާހުށަހަޅަމުން ދެއެވެ. އަދި، ބައެއް ފަރާތްތަކުން ކަނދުފަތި ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދެއެވެ. ހިތާމައާއެކު ފާހަގަ ކޮށްލަންޖެހެނީ، މިފަދަ އިންޒާރުތައް މިމިނިސްޓްރީއަށް ލިބޭތާ މާގިނަދުވަސް ނުވަނީސް ކަނދުފަތި ކަނޑައިގެން ދާކަމެވެ. 

ހުރިހާ މަސްވެރިން އެދޭގޮތަށް ކަނދުފަތި ހަރުކުރުމަކީ ނުވާނެކަމެއްކަމުގައި ޤަބޫލުކުރެވޭ ހިނދު، މިހާރު ދިމާވާ މައްސަލަތަކުގެ އަލީގައި ކަނދުފަތި މިހާރު އޮތްޕޮޒިޝަންނޫން އެހެންޕޮޒިޝަނަކަށް ބަދަލުކުރުމުގައި މިމިނިސްޓްރީން މީގެ ފަހުން ޢަމަލުކުރަމުން ދާނީ މިދަންނަވާ ގޮތުގެމަތީންނެވެ.

  • 2014 ވަނަ އަހަރު ފެށުނުއިރު ކަނދުފަތިތައް ހުރިޕޮޒިޝަން އެހެންޕޮޒިޝަނަކަށް ބަދަލުކުރަން އެދޭނަމަ، ކަނދުފަތި ކަނޑައިގެން ދިއުމުން އަދި މިނިސްޓްރީގެ ޓީމު ކަނދުފަތި ހަރުކުރުމުގެ ދަތުރު ފެށުމުގެ ކުރިން، ކަނދުފަތި ބަދަލުކުރަން ބޭނުންވާ ޕޮޒިޝަން އަތޮޅު ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް އެންގުމުން.
  • އަތޮޅު ކައުންސިލްގެ އިދާރާއަށް މިފަދަ ހުށަހެޅުމެއް އަތުވެއްޖެ ނަމަ، އަތޮޅުގެ އެހެން މަސްވެރިން އަދި ކަނދުފަތި ހަރުކުރާ ހިސާބުގެ މަސްވެރިންނާއި ކަނދުފަތިން އާންމުކޮށް މަސްވެރިކަން ކުރާ ފަރާތްތަކަށް އިސްކަންދީގެން، ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަނދުފަތި ހަރުކުރަންވީ ޕޮޒިޝަން މިނިސްޓްރީއަށް އެންގުމުން.
  • އަތޮޅު ކައުންސިލްގެ އިދާރާއިން ކަނދުފަތި ހަރުކޮށްދިނުމަށް ހުށަހަޅާ ޕޮޒިޝަނަކީ ފަންނީގޮތުން މިނިސްޓްރީން ބަލާ މިންގަނޑުތަކަށް ފެތޭ ޕޮޒިޝަނެއްނަމަ ކަނދުފަތި، އެދިފައިވާ ޕޮޒިޝަނަށް ބަދަލު ކޮށްދިނުން.

މިހާރު ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނާއި ދެފުށް ފެންނަ ހާމަކަންބޮޑު ހަމަހަމަ އުޞޫލަކުން ކަނދުފަތީގެ ވިއުގަ ދެމެހެއްޓުމުގެ ނިޔަތުގައި، މިނޫން ގޮތަކަށް ކަނދުފަތީގެ ޕޮޒިޝަން ބަދަލު ކޮށްދެވެންނެތްވާހަކަ އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

26 މޭ 2014
ހޯދާ