އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުން މަނާ ބާވަތްތައް ހިފުމާއިގުޅޭ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ މިއޭޖެންސީއަށް ދަނީ ލިބެމުންނެވެ. މިގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020/R-75 ) ގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަޙައްދުގެ ދިރުންތަކާއި މާޙައުލުތައް ރައްކާތެރިކުރުމާއި އެކު އެސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި އެކު ރައްކާތެރިކުރުމަށް ޙިމާޔަތްކުރެވޭ ސަރަޙައްދުތަކެކެވެ. އަދި މިފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4 ގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެކެވެ.  ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާކަމީ މިއޭޖެންސީން ކަންބޮޑުވާކަމެކެވެ. މިގޮތުން، ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައް މިއެޖެންސީއަށް ދަނީ ލިބެމުންނެވެ. ވީމާ، ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ޤާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

03 ރަމަޟާން 1442

15 އޭޕްރިލް 2021

15 އޭޕްރިލް 2021
ހޯދާ