މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދިނުން

ނޫސްބަޔާން

 

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދިނުން

ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށްޓަކައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު' އެކުލަވާލައި ގެޒެޓުކުރެވިފައިވާނެއެވެ.

މި ގަވާއިދުގެ ދަށުން، އެއް ކައުންސިލުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ފުރުޞަތު ލިބިގެންދެއެވެ. އަދި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ލިބިގެން ދެއެވެ. މިގޮތުން، އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިޢާޔަތްކޮށް، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކުރެވިފައިވެއެވެ. އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، %20 އަށް ވުރެ އިތުރުނުވާނެ މިންވަރަށެވެ.

މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހެއެވެ.  

މި ގަވައިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދަން ފުރުޞަތު ލިބުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒީކުރެވި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިނާޢަތްތައް ތަރައްޤީކުރުމަށް ކައުންސިލުތައް ބާރުވެރިކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށް މަގުފަހިވެގެންދާނެއެވެ. 

މި ގަވައިދު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  ގައި ޝާއިއުކުރެވިފައިވާނެއެވެ.

04 އޭޕްރިލް 2021
ހޯދާ