މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތަކާއި ގުޅޭ

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތަކާއި ގުޅޭ،

ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދެއެެވެ. މި ދެންނެވި ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަމެވެ. މި ޝަކުވާތަކާއި ގުޅިގެން މިއިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް ވާނީ އަންގާފައެވެ. އަދި މި ދެންނެވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައެވެ.

މި އިދާރާއަށް މަޢުލޫމާތު ލިބެމުންދާ ގޮތުގައި އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ދަނީ ކުރުވަމުންނެވެ. މި ފަދައިން ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން ދަނީ މި އިދާރާއާއި ހިއްސާކުރަމުންނެވެ.

ވީމާ، އިސްވެ ދެންނެވި ފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު މި އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން މިފުރުޞަތުގައި ހަނދާންކޮށްދެމެވެ. އަދި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަޞަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ޤަވައިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށް އިލްތިމާސް ކުރަމެވެ.

04 މާރިޗު 2021
ހޯދާ