މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަންކުރުމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ ފަޅުވެރިން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުން

ކޮވިޑް-19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ގިނަ ފިޔަވަޅުތަކެއް އަޅައި، ރަށްރަށަށް ދަތުރުކުރުމުގައި އަދި މަސައްކަތުގެ މާހައުލުގެ އިންތިޒާމުތައް ބައްޓަންކުރަންވީ ގޮތުގެ އުސޫލުތައްވަނީ އާންމުކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖެ ފުރަ ބަންދަކަށް ދިޔަ ހާލަތުގައި އަދި އެއަށް ފަހު ވަކި ހަމަތަކެއްގެ މަތިން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަތައްދޫކޮށް މަސްވެރިކަންކުރުމުގައި ލައިސަންސް ލިބިގެން ޙަރަކާތްތެރިވާ އަދި އެކި ސަރަޙައްދުތަކުގައި ޤާއިމުވެފައިވާ މަސް ގަންނަ ކުންފުނިތަކަށް މަސް ވިއްކުމުގައި، އަމަލުކުރަންވީ އުސޫލުތައްވަނީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައެވެ.

މިގޮތުން، މަސްވެރިކަންކުރުމަށްފަހު މަސް ގަންނަ ފަރާތްތަކަށް މަސް ވިއްކުމުގެ މަރުހަލާގައި މަސް ގަންނަ ފެސިލިޓީތަކަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އަދި މަސްވެރި ދަތުރުތަކުގައި މަސްވެރިކަންކޮށް ނިމުމަށްފަހު ހަމައެކަނި އުޅަނދު ނިސްބަތްވާ ރަށަށް އަނބުރާ ދަތުރުކުރުމަށް އިރުޝާދު ދީފައިވާނެއެވެ. އަދި މީގެ އިތުރުންވެސް، ހުޅުމާލޭގައި ނުވަތަ މާލެ ސަރަޙައްދުގެ ރަށެއްގައި ޤާޢިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުންފުނިތަކަށްވެސް އިރުޝާދު ދީފައިވާނެއެވެ.

މިކަންކަމަށް ރިޢާޔަތްކޮށް މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންގެ ފަރާތުން މަސްވެރިކަމުގެ މަސައްކަތް ކޮވިޑް-19ގެ ހާލަތުގައިވެސް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް އިސްވެދެންނެވުނު އުޞޫލުތަކަށް އަމަލުކޮށްފައިވާކަން މިފުރުޞަތުގައި މިމިނިސްޓްރީގެ ފަރާތުން ފާހަގަކުރަމެވެ. މިދަނޑިވަޅަކީ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާ ހާލަތަކަށްވާތީވެ، އަދި އުޅަނދުފަހަރުގެ ޙަރަކާތްތައް ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުޞަތު އޮތްކަމެއް ކަމުގައިވާތީ، މިފުރުޞަތުގައި މަސް ގަންނަ ކުންފުނިތަކާއި މަސްވެރި އުޅަނދުފަހަރުން ކުރިންވެސް އަމަލުކުރަމުން އައި އުޞޫލުތަކާއި އެއްގޮތަށް މަސް ގަންނަ ސެންޓަރުތަކަށް ދަތުރުކޮށް މަސް ވިއްކުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަކޮށް، ދޯންޏަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކުރަމެވެ.

10 ފެބުރުވަރީ 2021
ހޯދާ