ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓްތަކާގުޅޭ

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓްތަކާގުޅޭ

"ހިޔާ" މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް މިހާރު ވަނީ އެކުލަވާލެވިފައެވެ. އަދި މި ލިސްޓްތައް، ކެޓަގަރީ ވަކިން ގެޒެޓްކުރެވިފައިވާނެއެވެ.

1. H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ

2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ

3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ

4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ

5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ

6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ

7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ

8. ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ

 

މިގޮތުން ކޮންމެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރެވިފައިވާނެއެވެ. އަދި މި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ދާއިމީ ލިސްޓުވެސް ޢާންމުކުރެވިފައިވާނެއެވެ.

 

މި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި، ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށާއި، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ ނިޔަލަށް މި ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ މިންގަނޑާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާއަކަށް މިހާރު ވާނީ ލިޔުމުން ޖަވާބުދެވިފައިއެވެ. މިގޮތުން މި ކެޓަގަރީތަކުގެ ދާއިމީ ލިސްޓު އެކުލަވާލެވިފައިމިވަނީ، މި ކެޓަގަރީތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ.

މި މަޝްރޫޢުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލުކުރެވޭނީ 1 ފްލެޓް ކަމަށްވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައެވެ. މި ކޮމިޓީއިން ދާއިމީ ލިސްޓު އިޢުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހުއެވެ.

މި ކެޓަގަރީތަކުގެ ފޯމުތައް، މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކުރެވިފައި ވާނެކަމުގައި ދަންނަވަމެވެ.

 

ހިޔާ މަޝްރޫޢުގެ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 'ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ' ގޮތުން ނެރެފައިވާ އިއުލާންގައި ކަނޑައަޅާފައިވާ އެލޮކޭޝަންއާ އެއްގޮތަށެވެ. ނަމަވެސް، ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، %50 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް މި ކޮމިޓީއިން ކަނޑައަޅާފައިވާތީ، ދާއިމީ ލިސްޓް ފައިނަލްކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު ވަނީ މަދުވެފައެވެ. އެހެންކަމުން، ހިޔާ މަޝްރޫޢިން ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލުގެންނެވުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެކި ކެޓަގަރީތަކުން މިގޮތަށް ބާކީވާ ފްލެޓް H8 (މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ) އަށް އިތުރުކުރެވިފައިވާނެކަމުގައި ދަންނަވަމެވެ.

09 ފެބުރުވަރީ 2021
ހޯދާ