އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުމުގެ ޢުޞޫލް:

                              

                                                                  ނަންބަރު: 1/2021/344/އ

                                                                      

އއ.ފެރިދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުމުގެ ޢުޞޫލް

                މިއީ އއ.ފެރިދޫގެ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް ގެންދިއުމަށްޓަކައި އަދި މިމަސައްކަތަށް، ސަރުކާރުން ދެއްވާ އެހީގެ ފައިސާ ޚަރަދު ކުރާނެ ގޮތްތައް (ކުނިކަހަން ނުކުންނަ ފަރާތްތަކަށް ބަހާނެގޮތް) ކަނޑައަޅާ، އއ.ފެރިދޫ ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލެވެ. މިއުޞޫލަށް ޢަމަލުކުރަން ފަށާނީ މިޢުޞޫލު އއ.ފެރިދޫ ކައުންސިލްގެ ޢާއްމު ޖަލްސާއަކުން ފާސްކުރާ ދުވަހުން ފެށިގެންނެވެ. މިޢުޞޫލަށް ޢަމަލުކުރާނީ 2021 ވަނަ އަހަރުން ފެށިގެނެވެ. އެހެން އަހަރެއްގައި މިޢުޞޫލަށް ޢަމަލުކުރާނަމަ، މިއުޞޫލު މުރާޖާކޮށް އަދި ކައުންސިލްގެ ޖަލްސާއަކުން ފާސް ކުރަންވާނެއެވެ.

    1. ހަފްތާގެ ތެރޭގައި ކުނިކަހާ ދުވަސްތަކާއި ގަޑިތައް:

      އަންގާރަ: 14:30 އިން 17:00 އަށް 

      ބުދަ: 14:30 އިން 17:00 އަށް

      ބުރާސްފަތި: 14:30 އިން 17:00 އަށް  

      ހުކުރު: 6:15 އިން 9:00 އަށް

    2. ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ތަފްޞީލް:

       2.1 ގަސްދިލުމަށް ކަނޑައަޅާ ދުވަސްތަކުގައި ކުނިކަހާނީ އިލޮށިފަތިންނެވެ. 

       2.2 ގަސް ދިލާ ދުވަސްތައް ނޫން ދުވަސްތަކުގައި ކުނިކަހާނީ ދަނޑިގަނޑު އިލޮށިފަތިންނެވެ.

       2.3 މަހަކު 1 ދުވަހު މުޅި އަތިރިމަތި އެއްކޮޅުން އަނެއްކޮޅަށް އިލޮށިފަތިން ކަހަންވާނެ.  

       2.4 ވަލުމަގުތައް މަހަކު 1 ފަހަރު ސާފުކޮށް، ބަލަހައްޓަންވާނެއެވެ.

       2.5 ރަށުތެރެއިން ދޫކޮށްލެވިފައިވާ ގޯތިތަކުގެ މަގުތައް މަހަކު 1 ފަހަރު ސާފުކުރަންވާނެއެވެ. 

       2.6 މަސައްކަތްކުރާ ވަގުތު މަސައްކަތްނުކޮށް ވާހަކަ ދައްކަން ތިބެގެން ނުވާނެއެވެ. އަދި މަސައްކަތާއި ނުގުޅޭ ކަންކަމުގައި މަސްޢޫލުވެގެން ވެސް ނުވާނެއެވެ.

       2.7 މަސައްކަތުގެ ވަގުތު އެކަކު އަނެކަކުގެ ޒާތީކަންކަމާބެހި ބޭކާރު ވާހަކަ ދައްކައިގެން ނުވާނެއެވެ.

       2.8 ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށް ދެކިގެން މަސައްކަތް ކުރަންވާނެއެވެ.

       2.9 މިމަސައްކަތަށް ނުކުމެ ބައިވެރިވުމުގެ ފުރުޞަތު އއ.ފެރިދޫގައި ދިރިއުޅޭ 18 އަހަރު ފުރިފައިވާ ކޮންމެ އަންހެނަކަށް ލިބިގެންވެއެވެ. މިމަސައްކަތަށް ކޮންމެ މީހަކުވެސް ނުކުންނަން ވާނީ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް އެނގި، އެއްވެސް މަޖުބޫރު ކަމެއް ނެތި، އެފަރާތެއްގެ އަމިއްލަ އިއުތިރާޒްގައެވެ.

       2.10 މިމަސައްކަތަށް ނުކުންނަން ފަށަންވާނީ މަޤްބޫލް ސަބަބެއް ނެތި ހުރިހާ ދުވަހަކުވެސް ނުކުމެވޭނެ ފަރާތްތަކެވެ.

(މަޤްބޫލް ސަބަބެއް ކަމަށް ބެލޭނީ، ތިމާ ބަލިވުން ނުވަތަ މަންމަ/ބައްޕަ/ދަރިއަކު/ފިރިމީހާ ބަލިވުން ނުވަތަ ޒަރޫރީ ބޭނުމަކު ރަށުން ބޭރަށް ދާންޖެހުން ފަދަ ކަންކަމެވެ.

       2.11 މިމަސައްކަތަށް ނުކުންނަން ފަށާ، މަޤްބޫލް ސަބަބެއް ނެތި ކުނިކަހާ 5 (ފަހެއް) ދުވަހު ޖެހިޖެހިގެން ހާޒިރު ނުވެއްޖެނަމަ، އެފަރާތެއް އިތުރަށް ކުނިކެހުމުގައި ބައިވެރި ނުކުރުމުގެ ބާރު މިކައުންސިލަށް ލިބިގެން ވެއެވެ.

       2.12 މަސައްކަތަށް ބޭނުންވާ އިލޮށިފަތި، ގޯނި، ވަޅި، ވީލްބަރޯ ފަދަ ތަކެތި ގެންނަންވާނީ މަސައްކަތަށް ނުކުންނަ ފަރާތްތަކުންނެވެ.

       2.13 އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގައި ކުނި އުކާލަންވާނީ ކުނި އުކާލުމަށް ހެދިފައިވާ ޢާއްމު ޢުޞޫލު ތަކާއި އެއްގޮތަށެވެ. (ގާކުނޑި އަޅަން ވާނީ ކަނޑައެޅިފައިވާ ސަރަހަށްދަށެވެ. އަދި އެހެނިހެން ކުނި އުކާލަންވާނީ ކުނި އުކާލުމަށް ކަނޑައަޅާފައިވާ ކުނިގޮނޑަށެވެ.)

    3. ސްޕަވައިޒް ކުރުމާއި ޢުޞޫލާއި ޚިލާފްވުން:

       3.1 ކުނިކެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ކައުންސިލްގެ މެމްބަރެއްގެ ދަށުން ނުވަތަ ކައުންސިލުން ކަނޑައަޅާ ސުޕަވައިޒަރަކު އަންގާ ގޮތެއްގެ މަތިންނެވެ.

       3.2 ކުނިކެހުމުގެ މަސައްކަތަށް ނުކުންނަ ފަރާތްތަކުން، ކުނިކަހާ ސާފުކުރުމާއި ގުޅޭގޮތުން ސްޕަވައިޒަރ އަންގާ އެންގުން ތަކަށް ފުރިހަމައަށް ތަބަޢު ވާނެޖެހޭނެއެވެ.

       3.3 މިއުޞޫލްތަކާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާއި މެދު ފުރަތަމަ ފަހަރު ކައުންސިލަށް ޙާޒިރުކޮށް ނަސޭހަތްތެރި ވެވޭނެއެވެ. ކުނިކެހުމުގެ މަސައްކަތަށް ނުކުންނަ ފަރާތްތަކުން ދެވަނަ ފަހަރަށް މިއުޞޫލާ ޙިލާފު ވެއްޖެ ނަމަ، އެފަރާތެއް ކުނިކެހުމުގެ މަސައްކަތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުކުރެވޭނެއެވެ.

    4.  ކުނިކަހަން ނުކުންނަ ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ ފައިސާއާއި ފައިސާ ބަހާނެގޮތް:

       4.1 2021 ވަނަ އަހަރަށް ސަރުކާރުން ދެއްވާ ބުލޮކް ގުރާންޓްގެ ތެރެއިން މިމަސައްކަތަށް ހަމަޖައްސާ ފައިސާ މިމަސައްކަތަށް ނުކުންނަ ފަރާތްކަތުގެ މެދުގައި 2021 ވަނަ އަހަރު އިންސާފުވެރިކަމާއިއެކު ބެހޭނެއެވެ.

       4.2 ފައިސާ ބަހާނީ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިންނެވެ. އެއީ ކޮންމެ ތިންމަހަކުން އެއްފަހަރުއެވެ. ކޮންމެ ތިންމަހަކަށް ބަހާނީ މިމަސައްކަތަށް ހަމަޖައްސާ ފައިސާ 04 ބަޔަށް ބެހުމަށްފަހު ޖެހޭ އަދަދެވެ. މިގޮތުން ޖެނުއަރީ، ފެބްރުއަރީ އަދި މާރިޗް މަހުގެ ފައިސާ ބަހާނީ މާރިޗް މަސް ނިމުމުންނެވެ. އޭޕްރީލް، މެއި އަދި ޖޫން މަހުގެ ފައިސާ ބަހާނީ ޖޫން މަސް ނިމުމުންނެވެ. ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރ ގެ ފައިސާ ބަހާނީ ސެޕްޓެމްބަރ މަސް ނިމުމުންނެވެ. އޮކްޓޫބަރ، ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ފައިސާ ބަހާނީ ޑިސެމްބަރ މަސް ނިމުމުންނެވެ.

       4.3 ކުނިކަހަން ނުކުންނަ ފަރާތަށް ފައިސާ ބަހާ މުއްދަތުގައި (ތިންމަހުގެ ތެރޭގައި) ލިބޭނެ ފައިސާ ހިސާބު ކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

       4.3.1 ތިންމަހުގެ ތެރޭގައި ކުނިކެހުމުގެ މަސައްކަތް ކުރެވުނު ޢަދަދު ބަލާ، ކަނޑައެޅިފައިވާ ޢަދަދުން ދުވާލަކަށް ޖެހޭވަރު ހޯދާނީއެވެ.

       4.3.2 ކޮންމެ ދުވަހަކުވެސް ކުނިކަހަން ނިކުތް މީހުންގެ ޢަދަދު ބަލާ، ދުވާލަކަށް ޖެހޭވަރުން، އެދުވަހަކު މީހަކަށް ޖެހޭވަރު ހޯދާނީއެވެ. (މަދުން މީހުން ނުކުންނަ ދުވަސްތަކުގައި އެދުވަހަކަށް،  މީހަކަށް ލިބޭވަރު އިތުރު ވާއިރު ގިނައިން މީހުން ނުކުންނަ ދުވަސްތަކުގައި ކުރަންޖެހޭ މަސައްކަތް ލުއިވެ، އަދި މަދުން މީހުން ނުކުންނަ ދުވަސްތަކުގައި ކުރަންޖެހޭ މަސައްކަތް އިތުރުވާނެއެވެ.)

       4.3.3 ތިން މަހުގެ ތެރޭގައި އެމީހަކަށް ހާޒިރުވެވުނު ދުވަސްތަކަށް ލިބޭ ހުރިހާ ޢަދަދެއް އެއްކޮށް، އެމީހަކަށް ފައިސާ ބަހާ މުއްދަތުގައި ލިބޭ ޖުމްލަ ޢަދަދު ހޯދާނީ އެވެ.

       4.3.4 ކުނިކަހަން ނުކުންނަ ފަރާތްތަކެކޭ އެއްގޮތަށް 3.1 ގައި ބުނާ ސުޕަވައިޒަރަށްވެސް، އޭނާ ނުކުންނަ ކޮންމެ ދުވަހަކަށް ފައިސާ ލިބޭނެއެވެ. ސުޕަވައިޒަރގެ ގޮތުގައި ކައުންސިލްގެ މެމްބަރަކު ނުކުންނަ ނަމަ، އެމެމްބަރަކަށް ފައިސާ ދޭކަށް ނުޖެހޭނެއެވެ.

މިޢުޞޫލު 05 ޖަނަވަރީ 2021 ވީ އަންގާރަ ދުވަހު ބޭއްވުނު އަރިއަތޮޅު އުތުރުބުރީ ފެރިދޫކައުންސިލްގެ 03 ވަނަ ދައުރު (ދައުރުގެ މުއްދަތު އިތުރުކުރެވިފައި) ގެ 58 ވަނަ ޢާއްމު ޖަލްސާއިން ފާސްކޮށްފީމެވެ.

                                05 ޖަނަވަރީ 2021 

26 ޖަނަވަރީ 2021
ހޯދާ