މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްތައްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ދިވެހިރާއްޖެ ބޭނުންކުރުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ނައްތާލުމާބެހޭގޮތުން އެކުލަވާލެވިފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު (21/2019)" ދަށުން 'ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ'، ޕެސްޓިސައިޑުގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކުރީމެވެ.

މި ރަޖިސްޓްރީ ޝާއިޢުކުރުމާއެކު، ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑުގެ ބާވަތެއް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ދިވެހިރާއްޖޭގައި ބޭނުންކުރުން އަންނަނިވި ގޮތުގެމަތިން މަނާވާނެއެވެ.

ހ. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް ދިވެހިރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރުކުރުން މަނާވާނެއެވެ.

ށ. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 2 (ދޭއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖެއަށް އެތަކެތި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާވާނެއެވެ.

ނ. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 3 (ތިނެއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖޭގައި އެ ތަކެތި ވިއްކުން މަނާވާނެއެވެ.

ރ. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 12 (ބާރަ) މަސް ހަމަވުމަށްފަހު އެ ތަކެތި ބޭނުންކުރުން މަނާވާނެއެވެ.

ވީމާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މުޢާމަލާތްތައް ހިންގުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑު އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށާއި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމަށް ހުއްދަ ދޭ ބާވަތްތަކުގެ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީ https://www.gov.mv/en/files/approved-pesticide-registry2020.pdf--1 މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.  

30 ޑިސެންބަރު 2020
ހޯދާ