ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރަމުންދާ "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލުމާ ގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރަމުންދާ "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލުމާ ގުޅޭ

 

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމުތައް މި ކޮމިޓީއިން ދިރާސާކޮށް، ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ވާނީ ހުޅުވާލެވިފައެވެ. މި ގޮތުން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި މި ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް މިގެންދަނީ ކުރަމުންނެވެ.

 މި ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކަށް، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުންކަމަށްވާތީ، "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި މި ކޮމިޓީއިން ރިޢާޔަތްކޮށްފައިވާނީ، ފޯމު ހުށަހެޅި ތާރީޚާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ޙާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށެވެ.

"ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވަނީ، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ޙާލަތު ބެލުމަށްފަހު، ހަމަހަމަ އުޞޫލަކުންނެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލަނީ، ކޮމިޓީގެ ފަރާތުން ޙާލަތު ބެއްލެވުމަށް ދުރުވި ޓީމަށް، ފޯމު ހުށަހެޅި ފަރާތުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙާލަތު ފޯމުގައި ހުރި ބައިތަކަށެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބެލުމަށް ފުރާފައިވާ ފޯމުގެ އިތުރު ބަޔާނުގައި ހިމަނާފައިވާ ބައިތަކަށް ޕޮއިންޓް ދިނުމުގައި ރިޢާޔަތް ކުރެވިފައި ވާނެއެވެ. ދިރިއުޅުމުގެ ޙާލަތު ބަލާ ފޯމުގައި، ފޯމު ހުށަހެޅި ފަރާތާއި، ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ދުރުވާ ޓީމުގެ ދެ ބޭފުޅުން، ސޮއިކުރައްވާގޮތަށް ކަނޑައަޅާފައިވާނެއެވެ. ފޯމު ހުށަހެޅި ފަރާތުން ދިރިއުޅުމުގެ ޙާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި، އެ ފަރާތުގެ ބަދަލުގައި މައުލޫމާތު ދޭނެ ފަރާތެއް ހަމަޖައްސައި، އެކަން ލިޔުމުން މި ކޮމިޓީއަށް ހުށަހެޅުމުން، ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ފަރާތަށް ގުޅައި، މި ކޮމިޓީއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާނެއެވެ. މިފަދަ ހާލަތްތަކުގައި ދިރިއުޅުމުގެ ޙާލަތާ ބެހޭ ފޯމުގައި ސޮއިކޮށްފައިވާނީ ފޯމު ހުށަހެޅި ފަރާތުގެ ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖެއްސި ފަރާތުންނެވެ. ދިރިއުޅުމުގެ ޙާލަތު ބެލުމަށް މި ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑު https://www.gazette.gov.mv/iulaan/view/138652 މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން މި ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައިން ޕޮއިންޓް ދެވިފައިވާ ގޮތުގެ މިންގަނޑު މި ކޮމިޓީއިން އިޢުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން މި ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާތީ، ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިއީ މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މި ކޮމިޓީއިން، މިފަހަރު ރިޢާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.

މި ކޮމިޓީއިން އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓްތަކާ ގުޅިގެން މި ކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް މި ކޮމިޓީއިން މިހާރު ކުރަމުން ގެންދާތީއާއި، "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން އިތުރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާތީ މި ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހުކަމުގައި ދަންނަވަމެވެ.

30 ޑިސެންބަރު 2020
ހޯދާ