މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދާ ގުޅޭ

26 ނޮވެމްބަރ 2020 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޢާއްމު ކުރެވިފައިވާ، ގަވާއިދު ނަންބަރު:2020/R-114 (ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދެވޭނީ، ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެގަވާއިދުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގަވާއިދަށް ޢަމަލުކުރަން ފަށާއިރު ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ފަރާތްތަކުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ހޯދަންވާނެ ކަަމަށް ބަޔާންކޮށްފައިވެއެވެ.

ވީމާ، ގަވާއިދު ނަންބަރު 2011/R-41 )ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011) ގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 26 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދުގައިވާގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

އަދި ހަމައެހެންމެ، 26 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ފަހުން، ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011 ގެ 477 ވަނަ މާއްދާ އާއި 229 ވަނަ މާއްދާގެ ދަށުން އުޅަނދުފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އައުކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

01 ޑިސެންބަރު 2020
ހޯދާ