ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޢާއިލާއާބެހޭ ޤާނޫނާ ޚިލާފަށް ކައިވެނި ކުރުން:

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޢާއިލާއާބެހޭ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އަމިއްލައަށް ކާވެނި ކުރަމުންގެންދާ މީހުން ގިނަވަމުންދާކަން ކޯޓަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން ދަރީންގެ ނަސްލު އޮޅުމާއި ދީނީ ގޮތުން ޙަރާމްކުރައްވާފައިވާ ގުޅުންތަކަށް މަގުފައިވެ މިގުޅުންތަކުން ލިބޭ ދަރިން މަގުމަތިވެ، ރަޖިސްޓަރީ ނުކުރެވި، އިސްކޫލަށް ދެވޭގޮތްނުވެ އިޖުތިމާޢީގޮތުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. ދިވެހިރާއްޖޭގައި ކައިވެނި ކުރަންވާނީ ޢާއިލާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތުން އެކަމަށް ކަނޑައަޅާފައިވާ ބައެއްގެ ބެލުމުގެ ދަށުންނެވެ. ކައިވެނިވާ ދެމީހުންނާއި ކައިވެނިން ލިބޭ ދަރިންގެ އެންމެހައި މަޞްލަޙަތުތައް ޙިމާޔަތްކުރެވޭނީ ޝަރުޢީގޮތުން ލިބިދީފައިވާ ބާރުގެ ދަށުން ކަނޑައެޅިފައިވާ އިމުގެތެރޭގައި ކައިވެނިކޮށްގެންނެވެ. ކައިވެނިކޮށް ރަޖިސްޓަރީކުރުމުގެ ކަންކަމަކީ އަމިއްލައަށް އެކަންކުރުމަށް ޝަރުޢީގޮތުން ދޫކޮށްލެވިފައި ނުވާ ކަމެއްކަމާއި މިކަމަކީ ޖަމާޢަތުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަމެއްކަމުގައި ހަނދާންކޮށްދެމެވެ.

ވީމާ، ޢާއިލާއާބެހޭ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އަމިއްލައަށް ކޮށްފައިވާ އެއްވެސް ކައިވެންޏެއް ޢާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)ގައި ވާ ފަދައިން ރަޖިސްޓަރީ ނުކުރެވޭނެ ކަމަށާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މިފަދަ ކައިވެނިތައް ރަޖިސްޓަރީކޮށްނުދީގެން ހުށަހަޅާ މައްސަލަތައް ކޯޓަށް ބަލައިނުގަނެވޭނެކަމަށް، ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް ޢާއިލާއާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކައިވެނި ކުރުމަށް އިލްތިމާސްކުރަމެވެ.

     23 ޖުމާދަލްއާޚިރާ 1435

23 އޭޕްރިލް 2014
ހޯދާ