މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު – ފުރަތަމަ އިޞްލާޙު

ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު – ފުރަތަމަ އިޞްލާޙު

ނަންބަރު 2020/6

1.

ތަޢާރަފާއި ނަން

(ހ)

މިއުޞޫލަކީ ޤަވާއިދު ނަންބަރު 2013/R-820 (އޮޑިހަރުގެއާއި ބެހޭ ޤަވާއިދު) ގެ 15 ވަނަ މާއްދާގެ ދަށުން، ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލުމާއި ބޭލުމުގައި ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ.

2.

މަޤްޞަދު

 

މިއުޞޫލުގެ މަޤްޞަދަކީ ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި، ކަނޑައެޅިފައިވާ އުޞޫލަކުން އޮޑިދޯނިފަހަރު އެހެލާ ބޭލުމުގެ ކަންކަން އިންތިޒާމުކުރުމާއި، ރަށުންބޭރު އޮޑިދޯނިފަހަރަށްވުރެ، ރަށަށް ނިސްބަތްވާ އޮޑޮދޯނިފަހަރަށް އިސްކަންދީގެން އެހެލާ ބޭލުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ.

3.

ޢަމަލުކުރަން ފަށާ ތާރީޚް

 

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.

4.

ކައުންސިލުން ހުއްދަދިނުން

 

މިއުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ރ.މަޑުއްވަރީއަށް އެއްވެސް އޮޑިއެއް އެހެލަންވާނީ، އަދި އޮޑިއެއް ބާލަންވާނީ، މިއުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ދިނުމުންނެވެ.

5.

ޒިންމާ ނެގުން

(ހ)

ރަށަށް އެއްވެސް އޮޑިއެއް އެހެލާނަމަ، މުއާމަލާތުކުރުމާއި ޒިންމާނަގާނެ ފަރާތެއްގެ ގޮތުގައި، އަދި ކުލި ދެއްކުމަށް ގެރެންޓަރއެއްގެ ގޮތުގައި ރ.މަޑުއްވަރީގެ ރައްޔިތަކު ހުންނަންވާނެއެވެ. އަދި ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ގައި އެފަރާތުގެ މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ.

 

 

(ށ)

މިއުޞޫލަށް ޢަމަލުކުރުމުގައި ރަށަށް ނިސްބަތްވާ އޮޑިއެއް ކަމުގައި ބެލެވޭނެ ޙާލަތްތައް ތިރީގައި އެވަނީއެވެ.

  1. ރަށަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު
  2. ރަށުގެ ރަށްވެއްސަކާއެކު އެގްރިމެންޓެއް ހަދައި އެއެގްރިމެންޓުގެ ދަށުން ގެންގުޅޭ އުޅަނދުފަހަރުގެ ތެރެއިން އެގްރިމެންޓުގެ ކޮޕީ ހުށަހަޅާފައިވާ އުޅަނދުފަހަރު
  3. ރަށުގެ ރަށްވެއްސަކަށް ވިއްކާފައިވާ ނުވަތަ ދީފައިވާ ކަމަށް ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ޝަރުޢީ ކޯޓަކުން ޞައްޙަކަމަށް ކަނޑައަޅާފައިވާ ލިޔުމަކާއެކު ހުށަހަޅާފައިވާ އުޅަނދުފަހަރު.

 

 

(ނ)

މިމާއްދާގެ (ށ) ގައި ބަޔާންކުރާ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދުފަހަރު ބެލެވޭނީ ރަށުން ބޭރު އުޅަނދުފަހަރުގެ ގޮތުގައެވެ.

6.

އޮޑި މަރާމާތު ކުރުން

(ހ)

އޮޑި އެހެލުމަށްފަހު، އެ އޮޑިއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަންވާނީ ތިރީގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. އޮޑި އެހެލާފައިވާ ސަރަޙައްދުގައި ފައިބަރުގެ މަސައްކަތެއް ކުރާނަމަ، އެސަރަޙައްދެއް ދަގަނޑު ޓިނު ފަދަ މެޓީރިއަލެއް ބޭނުންކޮށްގެން ބިއްތަކާއި ފުރާޅާއެކު ހަރުގެ ހަދައި، ވަށައިގެން ބައްދަންވާނެއެވެ.
  2. ފައިބަރުގެ އެއްވެސް މަސައްކަތެއް، ބައްދާފައިވާ ހަރުގެއިން ބޭރުގައި ކޮށްގެންނުވާނެއެވެ.
  3. އޮޑިދޯނިފަހަރު މަރާމާތުގެ މަސައްކަތް ކުރާއިރު ބޭނުންކުރާ ބާވަތްތަކުން އުފެދޭ ކުނޑި މާޙައުލުގެ ތެރެއަށް ފެތުރިގެން ގޮސްގެން ނުވާނެއެވެ.
  4. ފައިބަރުގެ މަސައްކަތް ކުރާ ތަނުން ވައި ބޭރުކުރުމަށްޓަކައި، އެގްޒޯސް ހަރުކޮށް، ހަރުގޭގައި އުފެދޭ ކުނޑިއާއި ވަސް ފިލްޓަރ ނިޒާމަކުން ނައްތާލެވެން ވާނެއެވެ.
  5. އޮޑިދޯނިފަހަރުގެ މަރާމާތުގެ މަސައްކަތްތަކުން އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލަން ޖެހޭނެއެވެ. މިފަދަ ކުނި ނައްތާލަންވާނީ ރ.މަޑުއްވަރީގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދާއި އެކަމާގުޅޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  6. އޮޑި އެހެލާފައިވާ ސަރަޙައްދުގައި މަސައްކަތް ކުރާ މީހުންގެ ޞިއްޙަތާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަންވާނެއެވެ.
  7. މަސައްކަތުގެ ސަބަބުން އޮޑި އެހެލާފައިވާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގޭގެއަށް އަދި އާންމު ފަރުދުންނަށް އެއްވެސްކަހަލަ އުނދަގުލެއް ފޯރައިގެން ނުވާނެއެވެ.

7.

އޮޑި އެހެލާފައި ބާއްވާ ބިމުން ނެގޭ ކުލި

(ހ)

މިއުޞޫލުގެ ދަށުން ނެގޭ ކުލި ނަގަންފަށަންވާނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އޮޑިއެހެލާ ބޭލުމުގެ ކުރިން އުޞޫލުގައި ބަޔާންކުރާ ފޯމު ހުށަހަޅައި ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ.

(ށ)

ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން 10 ދުވަސް ނިމުމަށްފަހު 11 ވަނަ ދުވަހުން ފެށިގެން އޮޑި ބާލާދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 20/- (ދެލާރި) ގެ ރޭޓުންނެވެ.

(ނ)

ރަށުން ބޭރު އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 10/- (ދިހަލާރި) ގެ ރޭޓުންނެވެ.

(ރ)

އަކަފޫޓުގެ ގޮތުގައި ބަލާނީ އޮޑީގެ ދިގުމިނާއި ފުޅާމިނަށް ބަލައިގެންނެވެ. ފުޅާމިން ކަމުގައި ބަލާނީ އޮޑީގެ އެންމެ ފުޅާ ހިސާބުގެ މިނެވެ.

(ބ)

ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އޮޑި ބާލާނަމަ، އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. ރަށުން ބޭރު އުޅަނދެއްނަމަ، އޮޑިއެހެލާ ދުވަހުން ފެށިގެން ކުލި ހިނގަން ފަށާނެވެ.

(ޅ)

ކުލި ދައްކަންވާނީ ދުވާލަކަށް ޖެހޭ އަދަދު، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ތާރީޚާއި ދެމެދު ހިނގާ ދުވަހުގެ އަދަދާއި ގުނަކުރުމުން ޖެހޭ ޖުމްލަ އަދަދެވެ. 

(ކ)

މިއުޞޫލުގެ ދަށުން އެހެލާފައިވާ އޮޑިދޯނިފަހަރު ބާލަންވާނީ، އޮޑިއެހެލުމަށް ހުއްދަ ދިން ފޯމު ހުށަހަޅައި، އޮޑި ބޭލުމުގެ ހުއްދަ ކައުންސިލުން ހޯދުމަށްފަހުއެވެ. އަދި އޮޑި ބާލާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި މިކަމާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ކައުންސިލް އިދާރާއަށް ދައްކައި ޚަލާސްކުރަންވާނެއެވެ.

 

 

(އ)

1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅަންވާނެއެވެ. މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ 1 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

8.

ޖޫރިމަނާ

(ހ)

1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.

(ށ)

1 ޖަނަވަރީ 2021 ގެ ފަހުން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައި ނުވަތަ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި އޮޑިއެއް އެހެލައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.

(ނ)

އޮޑި ބާލާ ތާރީޚުން ފެށިގެން 3 މަސްދުވަސް ތެރޭގައި، މިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ކައުންސިލުން އެފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންވާނެއެވެ.

9.

މާނަކުރުން

(ހ)

މި އުޞޫލުގައި "އޮޑި" އަދި "އޮޑިދޯނިފަހަރު" އެއީ ކަނޑުގައި ދުއްވާ އެންމެހާ އުޅަނދުފަހަރެވެ.

(ށ)

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ.

01 އޮކްޓޫބަރު 2020
ހޯދާ