މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މި އިޢުލާނާއެކު ޢާންމުކޮށް ހުޅުވާލަމެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބު ކުރުން މިއަހަރު ބާއްވާ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި އޮންނާނެއެވެ.

ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މިކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައި އެވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތަކަކަށް ވާންޖެހޭނެއެވެ.

ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާ:

  1. ބޯޑަށް ހަމަޖެއްސޭ ޑިރެކްޓަރުންނަކީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވައިދުތަކާއި އުސޫލުތަކުގައި ޕަބްލިކް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ޝަރުތުހަމަވާ މީހުންނަށް ވާންވާނެއެވެ. މީގެ އިތުރުން، ތިރީގައިމިވާ ސިފަތައް ޑިރެކްޓަރުންގެ ކިބައިގައި ކޮންމެހެން ހުންނަންވާނެއެވެ. 

 

73.1.   ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން؛

73.2.   އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމް އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން؛

73.3.   ދިވެހިރާއްޖޭގައި ނުވަތަ އެހެން ވެސް ގައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން؛

73.4.   ވައްކަން،މަކަރާއިހީލަތް،ފައިސާއަށްހިޔާނާތްތެރިވުން،ފައިސާގެންގުޅުމުގައިނޭދެވޭގޮތްތަކަށްއަމަލުކުރުން،ފައިސާއަމާނާތެއްގެގޮތުގައިހަވާލުވެހުރެޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތައެނޫންވެސްމައްސަލައެއްސާބިތުވެފައިނުވުން؛

73.5.   މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައި ވުން؛

73.6.   ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން؛

73.7.    މާލީރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން؛

73.8.   އެހެންމީހުންނާ އެކު ކުރެވޭ މުޢާމަލާތް ތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައި ވުން؛

73.9.   ބުއްދިސަލާމަތުން ހުރި،  މީލާދީ ގޮތުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛ އަދި

73.10.   ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން، މިއެވެ.

 

އަދި މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 66 ވަނަ މާއްދާގައިވާ ގޮތުން "ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެއްވެސް ވަޒީފާއެއްގައި، ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް އިއުލާންކުރާ މުއްދަތާ ހަމަޔަށް ދެމިހުރެއްޖެނަމަ، އެފަދަ މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައިހުރެ ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމެއް އަދައެއްނުކުރެވޭނެއެވެ."

ވީމާ ދަންނަވަމެވެ. އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، މިދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީ ގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"ފުރިހަމަ ކުރެއްވުމަށްފަހު 26 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 1600 ގެ ކުރިން[email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001106 ނުވަތަ 3001109 ނަންބަރަށް ގުޅުއްވުން އެދެމެވެ.

"އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އެމްޓީސީސީގެ ވެބްސައިޓް: www.mtcc.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅުއްވާ ފަރާތްތައް "ބޯޑް ކެންޑިޑެސީ ޕޮލިސީ" އާއި އެއްގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީން އިވެލުއޭޓްކުރައްވާނެއެވެ. "ބޯޑް ކެންޑިޑެސީ ޕޮލިސީ" ކުންފުނީގެ ވެބްސައިޓް: www.mtcc.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާ، ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރެވޭނެއެވެ. މިމަޤާމަށް ޑިރެކްޓަރަކު އިންތިޚާބުކުރާނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ޙިއްޞާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވޯޓު ދިނުން

ކުންފުނީގެ ހިންގާ ޤަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކުންފުނީގެ ކޮންމެ ޢާންމު ޖަލްސާ އެއްގައިވެސް ވޯޓްދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ޙިއްޞާގެ 10% އަށްވުރެ މަދުނޫން ޢަދަދެއް ތަމްޞީލުކުރާ މެމްބަރުން އެދިއްޖެނަމަ މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ކޮންމެ ޙިއްޞާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭގޮތަށް ހަމަޖެއްސޭނެއެވެ. އަދި ކުންފުނީގެ ހިންގާ ޤަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތީން، އަތް އުފުލައިގެން ވޯޓް ދޭއިރު ޙާޟިރުވި ކޮންމެ ޙިއްޞާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ. ހަމަ މިޤަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެމަތީން، މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ވޯޓުދޭއިރު ޙާޟިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކުންފުނީގެ ޢާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޟިރުވި ކޮންމެ ޙިއްޞާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ޙިއްޞާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުޞޫލުން ވޯޓް ފޮއްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ޙިއްޞާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ޙިއްޞާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާތިލްވާނެއެވެ.

މީގެ އިތުރުން ހިންގާ ޤަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓު ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާ އިންނެވެ. މިގޮތުން ނަގާވޯޓްގެ ނަތީޖާވެސް އެއްވަރުވެއްޖެނަމަ ހިންގާ ޤަވާއިދުގެ 60 ވަނަ މާއްދާގައިވާގޮތަށް އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ. 

05 އޮކްޓޫބަރު 2020
ހޯދާ