ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު

ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު

 

  1. 1.       ތަޢާރަފާއި ނަން

1.1.   މިއީ ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107-1 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކޮޅުމަޑުލު ބުރުނީ ގައި ދިރިއުޅޭ ރައްޔިތުންނާއި މަޝްވަރާކޮށް ހިޔާލާއި ލަފާ ކައުންސިލްގެ މުހިންމު ނިންމުންތަކުގައި ހޯދުމަށާއި، އެ ރައްޔިތުން އެދި ހުށައަޅާ ކަމަކަށް ނުވަތަ ކަންކަތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ލަފާ ހޯދުމަށް ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ އިން އަމަލު ކުރާން އުޞޫލެވެ.

1.2.   މި އުޞޫލަށް ކިޔާނީ "ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު" އެވެ.

1.3.   މި އުޞޫލުގެ ބޭނުމަށް އާއްމުކޮށް ދިރިއުޅޭ އާބާދީ ކަމަށް ބަލާނީ ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލްތަކަށް ބެލެހެއްޓުމަށް ޒިންމާކޮށްފައިވާ ކޮޅުމަޑުލު ބުރުނީގައި ރަށްވެހިވެފައިވާ އާބާދީގެ ތަފާސްހިސާބަށެވެ.

  1. 2.        މަޤްޞަދު

މި އުޞޫލުގެ މަޤްޞަދަކީ ކޮޅުމަޑުލު ބުރުނީ ކައުންސިލް އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން، ކައުންސިލުން ނިންމާ މުހިންމު ނިންމުތުކަކާއި އަދި ރައްޔިތުންގެ އެދުމުގެ މަތިން، އެރައްޔިތުން އެދި ހުށައަޅާ ކަމަކަށް ނުވަތަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލާއި ލަފާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުމުގެ އިންތިޒާމާއި، ކުރިޔައް ގެންދާނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ވޯޓަށް އެހުމުގައި އަމަލު ކުރާނެ ގޮތް، އެއް އުޞޫލެއްގެ މަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

  1. 3.     ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކުރުން

3.1  ކޮޅުމަޑުލު ބުރުނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން މަޝްވަރާ ބައްދަލުވުމެއް މަދުވެގެން ކޮންމެ އަހަރަކު 4 (ހަތަރެއް) މަހަކުން އެއްފަހަރު ބާއްވަންވާނެއެވެ.

3.2.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭނީ އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅުންހުރި ކަންކަމުގައެވެ.

3.3.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން ލާޒިމެއް ނޫނެވެ.

3.4.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި، ކޮޅުމަޑުލު ބުރުނީ ގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނޭ ތަނަކާއި ވަގުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިއްޔަތުކަން ދޭންވާނެއެވެ.

3.5.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލްގެ ރައީސް ކަނޑައަޅާފައިވާ ކައުންސިލްގެ މެންބަރެކެވެ.

  1. 4.     ރައްޔިތުންގެ އެދުމުގެ މަތިން ބައްދަލުވުމެއް އިންތިޒާމުކުރުން

4.1.   ކޮޅުމަޑުލު ބުރުނީ ގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 50 މީހުން ނުވަތަ ޢާންމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން (މި ދެޢަދަދަށް ބަލާ މީގެ ތެރެއިން މަދު އަދަދެއްގެ ރައްޔިތުން) ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަމެއް ނުވަތަ އެކަންކަމާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަންވާނެއެވެ.

4.2.   ކައުންސިލްގެ މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކޮށްދިނުމަށް ރައްޔިތުން އެދެންވާނީ، އެ ބައްދަލުވުން ބޭއްވުމަށް ރައްޔިތުން ބޭނުންވާ، އާއްމު މަސްލަހަތާއި ގުޅުން ހުރި ސަބަބު ބަޔާންކޮށް، މި މާއްދާގެ (4.1) އިން ކަނޑައަޅާފައިވާ ޢަދަދަށް ރައްޔިތުން ހަމަވާ މި އުޞޫލުގެ ޖަދުވަލް 1 (އެކެއް) ގައި ހިމަނާފައިވާ ނަމޫނާ ޕެޓިޝަނާއި އެއް ގޮތަށެވެ. މިލިޔުމުގައި ބައްދަލުވުން ބޭއްވުމަށް އެދި ހުށަހަޅާ ރައްޔިތުންގެ ނަން، އުޅޭ އެޑްރެސް، ގުޅޭ ނަންބަރު އަދި ސޮއި ހިމަނަންވާނެއެވެ.

4.3.   މި މާއްދާގެ (4.1) އަދި (4.2) އިން ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކޮށް ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން އެދޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން، ބައްދަލުވުމެއް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަންވާނެއެވެ.

4.4.   ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި، ކޮޅުމަޑުލު ބުރުނީގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނޭ ތަނަކާއި ވަގުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިއްޔަތުކަން ދޭންވާނެއެވެ.

4.5.   ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލްގެ ރައީސް ކަނޑައަޅާފައިވާ ކައުންސިލްގެ މެންބަރެކެވެ.

4.6.   މި މާއްދާގެ (4.1) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން ލާޒިމެއް ނޫނެވެ.

  1. 5.     ބައްދަލުވުމުގެ އެޖެންޑާ އެކުލަވާލުމާއި މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން

5.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ސަރުކާރުގެ އޮފީސްތަކުންނާއި، ކައުންސިލް މެންބަރުންނާއި، ކައުންސިލް އިދާރާއިން އަދި އަމިއްލަ ފަރާތްތަކުން މަޝްވަރާ ކުރުމަށް އެދި ކައުންސިލް އިދާރާއަށް ހުށައަޅާ ކަންތައްތައް ހިމަނައިގެން ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރަންވާނެއެވެ.

5.2.   ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތާރީޚުގެ 5 ދުވަސް ކުރިން އެޖެންޑާއާއި ބައްދަލުވުން ބާއްވާތަނާއި ގަޑި އަދި ބައްދަލުވުމުގައި މަޝްވަރާ ކުރާނޭ ކަންތައްތަކާއި ބެހޭ އެންމެހާ މަޢުލޫމާތު ކައުންސިލުން އާއްމުކޮށް އިއުލާނުކުރަންވާނެއެވެ.

5.3.   ބައްދަލުވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަންވާނީ އެޖެންޑާ ކުރެވިފައިވާ ތަރުތީބުންނެވެ.

5.4.   ބައްދަލުވުމުގެ ޔައުމިއްޔާގައި އެޖެންޑާ ކުރެވިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިޔަށް ނުގެންދެވޭނަމަ، ދެން އެންމެ އަވަހަށް ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ އެޖެންޑާގައި އެކަމެއް ނުވަތަ ކަންތައްތަކެއް ހިމަނަންވާނެއެވެ. މިފަދަ ހާލަތުގައި އެކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިޔަށް ނުގެންދެވުނު ސަބަބު ބައްދަލުވުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެކަމުގެ ތަފްޞީލާއި ސަބަބު ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

  1. 6.     ބައްދަލުވުން މޮޑަރޭޓްކުރުން

6.1    ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާކުރެވިފައިވާ ކަމަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި މަޝްވަރާ ކުރިއަށް ގެންދިއުމަށް ފަންނީ ބޭފުޅެއް ކަނޑައެޅިދާނެއެވެ.

 

  1. 7.     ބައްދަލުވުމުގައި ވޯޓަށް އެހުން

7.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާ ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ ވޯޓަށް އަހާނަމަ، ވޯޓަށް އަހަންވާނީ، މަޝްވަރާ ކުރެވޭކަންކަން ކޮންމެ ކަމެއް ވަކި ވަކީންނެވެ. މިގޮތަށް ވޯޓަށް އެހުމުން ވޯޓް ދޭނީ އަތް އުފުލައިގެންނެވެ.

7.2.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުން މޮޑަރޭޓްކުރާ ފަރާތް ބައިވެރިވެގެން ނުވާނެއެވެ.

7.3.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި ކޮޅުމަޑުލު ބުރުނީގައި ބައިވެރިވެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ކައުންސިލްގެ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް، ނުވަތަ އެ ބުރުނީގައި އާއްމުކޮށް ދިރިއުޅޭ ފަރާތްތަކަށެވެ.

7.4.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި، އެންމެ މަތިން ވޯޓް ލިބިފައިވަނީ 2 (ދޭއް) އިޙްތިޔާރު ނުވަތަ އެއަށްވުރެ ގިނަ އިޙްތިޔާރަށް އެއްވަރަކަށްނަމަ، އެންމެ ގިނަ ވޯޓު ލިބިފައިވާ އިޙްތިޔާރުތަކުގެ މެދުގައި އަލުން ވޯޓަށް އަހަންވާނެއެވެ.

7.5.   މި މާއްދާގެ (7.2) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (7.4) އާއި އެއްގޮތަށް ނެގޭ ވޯޓުގައިވެސް، އެންމެ މަތިން ވޯޓް ލިބިފައިވަނީ 2 (ދޭއް) އިޙްތިޔާރު ނުވަތަ އެއަށްވުރެ ގިނަ އިޙްތިޔާރަށް އެއްވަރަކަށްނަމަ، ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުން މޮޑަރޭޓްކުރާ ފަރާތް، މި މާއްދާގެ (7.4) އާއި އެއްގޮތަށް ނަގާވޮޓުގައި، ވޯޓަށް އެހޭ އިޙްތިޔާރުތަކުގެ ތެރެއިން އެއް އިޙްތިޔާރަށް ވޯޓު ދޭންވާނެއެވެ.

7.6.   މި މާއްދާގެ (6.1) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ބައްދަލުވުމުގެ ބައިވެރިން ގިނަވުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކަށް، އަތް އުފުލައިގެން ވޯޓު ނެގުމަށް ދަތިވެދާނެކަމަށް ބައްދަލުވުމުގެ ރިޔާސަތަށް ޤަބޫލްކުރެވޭނަމަ، ވޯޓް ފޮށްޓާއި ވޯޓު ކަރުދާސް ބޭނުންކޮށްގެން ވޯޓު ނެގިދާނެއެވެ. މިފަދައިން ވޯޓުނަގާ ހާލަތުގައި، ވޯޓު ނެގުމަށް ބޭނުންކުރެވޭ ކަރުދާހުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ގޮތާއި ބައްދަލުވުމުގެ އެންމެހާ ބައިވެރިންނަށް ހަމަހަމަކޮށް ވޯޓުލުމުގެ ފުރުސަތު ލިބިދޭކަން ބައްދަލުވުމުގެ ރިޔާސަތުން ކަށަވަރުކުރަންވާނެއެވެ. މިފަދައިން ނެގޭ ވޯޓު ކަރުދާސްތައް ގުނަންވާނީ ބައްދަލުވުމުގެ ބައިވެރިންގެ ހާޟިރުގައެވެ.

7.7.   ވޯޓު ނެގުމަށްފަހު، ނެގިފައިވާ ވޯޓުގެ ތަފްޞީލާއި ވޯޓު ލިބިފައިވާގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ބައިވެރިންނަށް އިއުލާނުކުރަންވާނެއެވެ.

  1. 8.     ބައްދަލުވުމުގެ ހާޒިރީއާއި ޔައުމިއްޔާ

8.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި ބައްދަލުވުމަށް ހުށަހެޅި މަޝްވަރާ ކުރެވުނު ކަންތައްތަކާއި، ވަކިކަމަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެނިންމުންތައް ހިމެނޭގޮތަށް ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެންބަރުންނާއި، މަޢުލޫމާތު ދިން ފަރާތްތަކާއި ހުށަހަޅައިދިން ފަރާތާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތު ސާފުކޮށް ޔައުމިއްޔާގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

8.2.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމެއްގައި ވޯޓު ނެގޭނަމަ، ނެގިފައިވާ ވޯޓުގެ ތަފްޞީލާއި، ވޯޓު ލިބިފައިވާ ގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

8.3.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގެ ޔައުމިއްޔާއާއި، ވަކިކަމަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެ ނިންމުންތައް، ބައްދަލުވުން ބާއްވާ ތާރީޙުން ފެށީގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އާއްމުކޮށް ޝާއިޢުކުރަންވާނެއެވެ.

  1. 9.     މެންބަރުންގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލު ކުރަންވީގޮތް

މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭ އެއްވެސްކަމަކީ ވަކި މެންބަރެއްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ އަނބިމީހާ/ފިރިމީހާގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ ދަރިއެއް، ނުވަތަ މިނޫނަސް މެންބަރަކާއި ގާތްތިމާގެ ކަމުގެ ގޮތުން މިފަދަ ގުޅުމެއް އޮތް ފަރާތެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ހިމެނޭނަމަ އެ މެންބަރަކު އެޖެންޑާގެ އެ ނަންބަރަށް މަޝްވަރާކުރާއިރު އަދި އެކަމާއި ގުޅިގެން ނެގޭ ވޯޓެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މިކަން އެނގޭގޮތަށް ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކުރަންވާނެއެވެ.

 

 

 

 

 

 

 

 

 

ޖަދުވަލް 1

ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް އިންތިޒާމް ކޮށްދިނުމަށް އެދި ހުށައަޅާ ޕެޓިޝަން (ނަމޫނާ)

(ކައުންސިލް އިދާރާއިން ފުރިހަމަކުރުމަށް)ޕެޓިޝަން ނަންބަރު .......................

ހުށައަޅާ ކައުންސިލް : ތ. ބުރުނީ ކައުންސިލް                                  ހުށައަޅާ ތާރީޙް:......................

ބައްދަލުވުމަށް އެދޭ ސަބަބު:

1.  (ތަފްޞީލް)

2.  (ތަފްޞީލް)

އިތުރު މައުލޫމާތް ހޯދުމަށް ގުޅޭނެ ފަރާތަކާއި ނަންބަރު: .......

ބައްދަލުވުމަށް އެދޭ ފަރާތްތައް:

#

ނަން

ދިރިއުޅޭ އެޑްރެސް

ގުޅޭ ނަންބަރު

ތާރީޙް

ސޮއި

1

 

 

 

 

 

2

 

 

 

 

 

 

ޕެޓިޝަން ބަލައިގަތްކަމުގެ ރަސީދު

ހުށައެޅި ފަރާތުގެ ނަމާއި އެޑްރެސް

ޕެޓިޝަން ނަންބަރު

ތާރީޙް

 

 

 

މަތީގައި ބަޔާންކޮށްފައިވާ ޕެޓިޝަން މި އިދާރާއަށް ބަލައިގެންފީމެވެ.

ބަލައިގަތް ތާރީޙް:............................  ބަލައިގަތް ފަރާތާއި މަޤާމް:........................................................ ސޮއި:.......................

10 ސެޕްޓެންބަރު 2020
ހޯދާ