މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
28 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން ނަގާފައިވާ، ހުއިފިލަނޑާ ގެ ދެބާވަތް ކަމުގައިވާ، ހުދު ބަޓު އަދި ކަޅު ބަޓު ގެ ސްޓޮކް ރަޖިސްޓްރީ ކުރުމާއި ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)438-ENV/438/2020/148 (27 އޮގަސްޓް 2020) އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން 28 އޮގަސްޓް 2020 އިން ފެށިގެން "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާ ގެ ޖަދުވަލު 2 (ދޭއް)ގައި ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) ހިމެނުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރީ އެއްކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހެދި ރިޕޯރޓް (ނޮންޑެޓްރިމަންޓަލް ފައިންޑިންގ) އަށް ބިނާކޮށް، އެ ދެބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓު ދޫނުކުރުމަށް ވަނީ ނިންމާފައެވެ.

28 އޮގަސްޓް 2020ގެ ކުރިން ނަގާފައިވާ (ހާވެސްޓް ކޮށްފައިވާ) މިދެބާވަތުގެ ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޓްފިކެޓް ދޫކުރެވޭނީ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުން، ނަގާ ޕްރޮސެސްކޮށްފައިހުރި ސްޓޮކްގެ އަދަދާއި ބަރުދަން އެނގޭގޮތަށް، 15 ސެޕްޓެމްބަރު 2020ގެ ކުރިން މި މިނިސްޓްރީގައި އެ ސްޓޮކް ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ. 15 ސެޕްޓެމްބަރު 2020 އާއި ހަމައަށް ރަޖިސްޓްރީ ނުކުރާ މި ދެބާވަތުގެ ހުއިފި ލަނޑައަށް "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ދޫނުކުރެވޭނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. ރަޖިސްޓްރީކޮށްފައިވާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ބޭނުންވާ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" އަށް އެދި 31 ޑިސެމްބަރު 2020 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. އަދި ރަޖިސްޓްރީ ކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ ސްޓޮކް އެކްސްޕޯޓުކުރަންވާނެއެވެ.

ވީމާ، މިދެބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށް ބޭނުންވާ ފަރާތްތަކުން، މިހިނގާ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި މިނިސްޓްރީއަށް އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނީ [email protected] އަށް، ސުރުޚީގައި "ސައިޓީސްއާ ގުޅޭ" މިހެން ޖެއްސެވުމަށްފަހުގައެވެ. އަދި "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ހޯދުމަށް ރަޖިސްޓްރީ ކުރާ ހުއިފިލަނޑާގެ 2 ބާވަތުގެ ސްޓޮކް، މިމިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ރަޖިސްޓްރީ ކުރާ ފަރާތުން ހަމަޖައްސަވަން ވާނެއެވެ. 

06 ސެޕްޓެންބަރު 2020
ހޯދާ