ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް އާއްމުކުރުނ

އިޢުލާން

 

ގދ. ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް އާއްމުކުރުން

          

މިއިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގައި ޢަމަލުކުރާނޭ ޚާއްސަ އުޞޫލެއްވަނީ 29 ޖެނުއަރީ 2020 ވަނަ ދުވަހު ތިނަދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 119 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައެވެ.

           ވީމާ، 03 ސެޕްޓެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގައި މިއިދާރާއިން ޢަމަލުކުރަމުންދާނީ މަތީގައި ދެންނެވިފައިވާ އުޞޫލަށް ކަމުގައި ދަންނަވައި މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. މި އިޢުލާނާއެކު ނަންބަރ(PP)415/415/2020/1 އުޞޫލް އެއްކަރުދާސްކުރެވިފައިވާނެއެވެ. 

 

 

ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް

1 ތަޢާރަފް:

(ހ) މިއީ ޤާނޫންނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ކައުންސިލުން އެކުލަވާލައިފައިވާ" ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުޞޫލެވެ.

(ށ) މިއުޞޫލު ހަދާފައިވަނީ، ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ  13 ވަނަ މާއްދާއާއި 21 ވަނަ މާއްދާ އަދި 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމާބެހޭ ޤަވާޢިދު، (ޤަވާޢިދު ނަންބަރު 2016/R-88) ގައިވާ އިރުޝާދުތަކާއި ބާބުތަކާއި ތަޢާރުޟު ނުވާނޭ ގޮތުގެ މަތިން، ގދ.ތިނަދޫގައި ބިނާކުރާ ގެދޮރާއި ބިނާތައް ރަޖިސްޓްރީ ކުރެވޭނެ ފަސޭހަ މަގުތައް ރައްޔިތުންނަށް ލިބިދީ، ޤަވާޢިދާއި އުޞޫލުތަކާއެއްގޮތަށް ގެދޮރު ރަޖިސްޓްރީ ކުރެވޭނެ އިދާރީ އިންތިޒާމް ފަހިކުރުމަށެވެ.

(ނ) މިއުޞޫލަށް ކިޔާ "ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލު" އެވެ.

2. ޢިމާރާތުގެ ރަޖިސްޓްރީ ކުރުން.

(ހ) ގޯތި ދޫކުރާތާ 5 އަހަރުދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް ޢިމާރާތް ކުރުމަށްފަހު، ޢިމާރާތް ރަޖިސްޓްރީ ކުރަން ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީޚު ކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ޙަވާލުކުރިކަމގެ ލިޔުން ޙަވާލުކުރާ ތާރީޚެވެ.

(ނ) މި އުޞޫލުގެ ދަށުން ޢިމާރާތް ރަޖިސްޓްރީ ކުރުން ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދަނީ ތިރީގައި އެވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ގެދޮރު ޢިމާރާތް ކުރުމާ ބެހޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާ ނަމައެވެ.

1- އެއްބުރިއަށް (ސިންގަލްސް ސްޓޯރީ) ޢިމާރާތް:

މި ކެޓގަރީގެ ޢިމާރާތްތައް ހެދިފައި ހުންނަންވާނީ ޢިމާރާތް ކުރުމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، ޢިމާރާތުގެ ގިއުގަނޑު ހަދައި ތިރީގައި އެވާ ކަންކަން ފުރިހަމަ ކޮށްފައެވެ.

1.1    – ޢިމާރާތުގެ ގިއުގަނޑު ބިނާކުރުމުގައި ފައުންޑޭޝަން އަޅާފައިވުން.

1.2    – ގޯތީގައި ސާފު ފެން ނަގައި ބޭނުން ކުރެވޭ ގޮތަށް ވަޅު ބެހެއްޓިފައިވުން. އަދި ވަޅުދޮށް ނިވާކުރެވިފައިވުން.

1.3    – މުޅި ޢިމާރާތް ހިޔާކޮށްފައިވުން، ނުވަތަ ޢިމާރާތުގެ ކޮންމެވެސް 1 ބައި ވާރެއާއި އަވިން ސަލާމަތްވެވޭ ވަރަށް ހިޔާކޮށް، ދޮރާއި ދޮރުފަތް ހަރުކޮށްފައިވުން.ނުވަތަ ދޮރުތައް  ބަންދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިހުރުމުގެ އިތުރުން ޢިމާރާތުގެ އެބައިގައި ނިދުންފަދަ ޟަރޫރަތުތައް ފުއްދަން ބޭނުންވާ މިންވަރު ހުރުން.

1.4    – ގޯތީގައި ފާޚާނާކޮށް ތާހިރުވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

1.5    – ގޯތީގައި ކައްކާކެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

1.6    މަތީގައިވާ ކަންކަންތައްތައް ފުރިހަމަ ނުވި ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެ، އެކަން ސާބިތުކުރެވޭ މިންވަރަށް ލިޔުންތަކާއެކު ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޢިމާރާތް ބެލުމަށްފަހު، އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަން ޔަޤީން ކުރުމަށްފަހު، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދެވިދާނެއެވެ.

1.6.1       – ޢިމާރާތުގެ ބޮޑުމިން 600 އަކަފޫޓަށް ވުރެ ކުޑަނުވުން.

1.6.2       – ޢިމާރާތުގެ ފުރަތަމަ ބެރި (ރޫފިންގ ބީމް) އަޅައި ބިތްތައް ރާނާފައިވުން.

1.6.3       – މުޅި ޢިމާރާތުގެ ޚަރަދުގެ 60 އިން ސައްތަ ހޭދަކޮށް، ބޭންކު ލޯނަކުން ފައިސާ ލިބިގެން ނޫނީ ބާކީއޮތް ބައި ފުރިހަމަ ނުކުރެވޭ ޙާލަތަކަށް ޢިމާރާތުގެ ވެރިފަރާތުގެ މާލީ ޙާލަތު ދަށްވުން، މިފަދަ ޙާލަތުގައި ބޭންކު ލޯނަށް އެދި ހުށަހަޅާކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. 

2- އެއްބުރިއަށްވުރެ އުސްކޮށް ބިނާ ކުރާ ޢިމާރާތް:

މި ކެޓގަރީގެ ޢިމާރާތްތައް ހެދިފައި ހުންނަންވާނީ ޢިމާރާތް ކުރުމުގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑާއި ތަޢާރުޟު ނުވާނޭ ގޮތުގެ މަތިން، ޢިމާރާތް ކުރެހުމުގެ ފަންނީ މާހިރަކު ކުރަހައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓުން ކުރެހުން ފާސްކުރި ކަމުގެ ތަތްގަނޑު ޖަހައި، ތިނަދޫ ކައުންސިލުން  ޢިމާރާތްކުރުމަށް އެކްރެޑިޓްކޮށްދީފައިވާ އާރކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގ އަށް ބަރޯސާކޮށް، ޢިމާރާތްކުރުމުގެ ތަޖުރިބާ ލިބިފައިވާ، އެފަންނުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކާއި ޢިމާރާތުގެ ވެރިފަރާތާއި ދެމެދު ވެވޭ ކޮންޓްރެކްޓެއްގެ ދަށުން ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން، ޢިމާރާތުގެ ގިއުގަނޑު ހަދައި ތިރީގައި އެވާ ކަންކަން ފުރިހަމަ ކޮށްފައެވެ.

1.7    – ޢިމާރާތަށް ކަނޑައެޅިފައިވާ ޑްރޯވިންގއާއި އެއްގޮތަށް (އިންޖިނިއަރިންގ މިންގަނޑުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އުންޞުރުތައް ފުރިހަމަކޮށް) ޢިމާރާތުގެ ގިއުގަނޑު ބިނާކުރުމުގައި ފައުންޑޭޝަން އަޅާފައިވުން.

1.8    – ގޯތީގައި ސާފު ފެން ނަގައި ބޭނުން ކުރެވޭ ގޮތަށް ވަޅު ބެހެއްޓިފައިވުން. އަދި ވަޅުދޮށް ނިވާކުރެވިފައިވުން.

1.9    – ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ / ފުރަތަމަ ޝީޓް ކޮންކްރީޓުކޮށްފައިވުން، ނުވަތަ ޢިމާރާތުގެ ކޮންމެވެސް 1 ބައި ވާރެއާއި އަވިން ސަލާމަތްވެވޭ ވަރަށް ހިޔާކޮށް، ދޮރާއި ދޮރުފަތް ހަރުކޮށްފައިވުން.ނުވަތަ ދޮރުތައް  ބަންދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިހުރުމުގެ އިތުރުން ޢިމާރާތުގެ އެބައިގައި ނިދުންފަދަ ޟަރޫރަތުތައް ފުއްދަން ބޭނުންވާ މިންވަރު ހުރުން.

1.10– ގޯތީގައި ފާޚާނާކޮށް ތާހިރުވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

1.11– ގޯތީގައި ކައްކާކެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

1.12މަތީގައިވާ ކަންކަންތައްތައް ފުރިހަމަ ނުވި ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެ، އެކަން ސާބިތުކުރެވޭ މިންވަރަށް ލިޔުންތަކާއެކު ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން، އިދާރާގެ ފަންނީ މުވައްޒަފުންގެ ވަފުދަކުން ޢިމާރާތް ބެލުމަށްފަހު، އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަން ޔަޤީން ކުރުމަށްފަހު، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދެވިދާނެއެވެ.

1.12.1    – ޢިމާރާތުގެ ބޮޑުމިން 600 އަކަފޫޓަށް ވުރެ ކުޑަނުވުން.

1.12.2    – ޢިމާރާތުގެ ފުރަތަމަ ޝީޓު ކޮންކްރީޓުކޮށްފައިވުން.

1.12.3    – ޢިމާރާތަށް ކަނޑައަޅާފައިވާ ޑްރޯވިންގ އާއެކު ޙިސާބުކޮށްފައިވާ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިޔު) ގެ ޚަރަދުގެ މަދުވެގެން 40 އިން ސައްތަ ހޭދަކޮށް، ބޭންކު ލޯނަކުން ފައިސާ ލިބިގެން ނޫނީ ބާކީއޮތް ބައި ފުރިހަމަ ނުކުރެވޭ ޙާލަތަކަށް ޢިމާރާތުގެ ވެރިފަރާތުގެ މާލީ ޙާލަތު ދަށްވުން، މިފަދަ ޙާލަތުގައި ބޭންކު ލޯނަށް އެދި ހުށަހަޅާކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ޢިމާރާތް ކުރުމަށް ހުއްދަދީފައިވާ ކުރެހުންތަކާއި ޢިމާރާތުގެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޢިމާރާތުގެ ވެރިފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ ހުށަހަޅާންވާނެއެވެ.

1.12.4    – މިއުޞޫލުގެ 1.12.3 ގައިވާ ލިޔުންތަކުގެ އިތުރުން ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާ ބޭންކަށް ހުށަހަޅާ ލިޔުންތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

 

 

ޖަލްސާގެ ނަންބަރު: 3DR/119  ތާރީޚް: 29.01.2020 އުޞޫލު ނަންބަރު:  (PP)415/415/2020/1    

އުޞޫލުގެ ނަން: ގދ.ތިނަދޫގައި ބަންޑާރަ ނުވަތަ އަމިއްލަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ އުޞޫލް މި އުޞޫލު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ފާސްކޮށްފީމެވެ.

 

01 ސެޕްޓެންބަރު 2020
ހޯދާ