މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގައި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުން

ގަސްގަހާގެއްސާއި ގަހުގެ ބައިތަކަކީ "ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނު" ގެ ދަށުން ބަލިތަކާއި ބަލިޖައްސާ ފަނިފަކުސާ، ސޫފާސޫފި އަދި ޖަރާސީމުތައް ތަޢާރަފްވުމާއި ފެތުރުމުން ރައްކާތެރިވުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެކުރާ ތަކެއްޗެވެ.  

ގަހާއި ގަހުގެ ބައިތަށް ރާއްޖެއަށް އެތެރެކުރާ މިންވަރު މިދުވަސްވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެއަށް މިފަދަ ބާވަތްތައް އިމްޕޯޓްކުރައްވާ ގިނަ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް އަމަލު ކުރަމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަތަށް ނުހޯދާ އެތެރެކުރުމާއި، ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރައްވާއިރު އެތަކެއްޗާއެކު ގެންނަވަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓްފަދަ މުހިންމު ޑޮކިއުމަންޓްތައް ނެތި އެތެރެކުރަން އުޅުންފަދަ ނޭދެވޭ މައްސަލަތައް މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ.

ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި މެދު އަމަލު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައި ގޮތުގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތް މި މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މިގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައިވެސް ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަންޖެހިފައިވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. ވިޔަފާރީގެ އުސޫލުން ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުން، ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކުރުމަށް، ވަގުތުދީގެން މަސައްކަތްތައް ރޭވުމަކީ ދިމާވާ މިފަދަ މައްސަލަތައް މަދުކުރޭވޭނެ ކަމެއްކަމަށް މި މިނިސްޓްރީއިން ފާހަގަކުރަމެވެ.

ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގަސްކާނާއާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސް އަދި ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމަށް މިދުވަސްވަރު ވާނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައެވެ. މިޚިދުމަތްތަކަށް އެދިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރައްވާ ފުރިހަމަކުރައްވާފައިވާ ފޯމު މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި

ހުއްދަ ތައްޔާރު ކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީން މިދަނީ ހުއްދަތަށް ފޯރުކޮށްދެމުންނެވެ. ފޯމު ފުރުމުގައި ނުވަތަ ފޯމާއި ގުޅޭ އެހެން ކަންކަމުގައި އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއް 8:00 އިން ފެށިގެން 14:00 އާއި ދެމެދު އެޚިދުމަތަކާއި ގުޅޭ ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުމުން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމުވެސް މިހާރުވާނީ ހަމަޖެހިފައެވެ.

  • ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯއްދެވުމަށް3339220 / 3339242  / 3339209
  • ގަސްކާނާ އަދި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާއި ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 3339242 / 3339209
  • ދިރޭޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯއްދެވުމަށް 3339212 / 3339220
01 ސެޕްޓެންބަރު 2020
ހޯދާ