ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން 24 އޮގަސްޓް 2020 ގައި ނެރުއްވާފައިވާ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމާއި ގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ/ދިވެހިރާއްޖެ

 

"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން 24 އޮގަސްޓް 2020 ގައި ނެރުއްވާފައިވާ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމާއި ގުޅޭ

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީއާއި، H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މި ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު ވަނީ 2020 އޮގަސްޓް 24 ވީ ހޯމަ ދުވަހު އިޢުލާނުކޮށްފައެވެ.

އަދިމިއާއެކު، އެދުވަހުން ފެށިގެން 2020 ސެޕްޓެންބަރު  މަހުގެ 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެ ލިސްޓްތަކަށް https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް މި ކޮމިޓީއިން ވާނީ ހުޅުވާލާފައެވެ.

"ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. އެހެންކަމުން، މި ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި، 24 އޮގަސްޓް 2020 ގައި މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ އެކަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެވާހަކަ ދަންނަވަމެވެ. މިގޮތުން އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެއެވެ.

މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް ވެސް މި ކޮމިޓީއިން ބަލައި، ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިޢާޔަތްކުރާނެކަމުގައި ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2020
ހޯދާ