އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އައްޑޫ ނޭޗާރ ޕާރކް ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އަމަލުކުރުމާއިގުޅޭ

 ނަންބަރު:PR)203-ERC/1/2020/4)      

ނޫސްބަޔާން

 

އައްޑޫ ނޭޗާރ ޕާރކް ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އަމަލުކުރުމާއިގުޅޭ

އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫ ސިޓީގެ ހިތަދޫގެ އެންމެ އުތުރގައިވާ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަހައްދާއި، އެ ސަރަހައްދުގައި ހިމެނޭ، ދިއްވާ ފެންގަނޑާއި، ބެދި ސަރަހައްދާއި، އެ ސަރަހައްދު ވަށައިގެންވާ އެއްގަމު ސަރަހައްދާއި، ކޯއްޓޭ ސަރަހައްދުގެ ހުޅަނގު، އުތުރާއި އިރުމަތީ ފަރާތުގެ ފަރުތަކާއި، ކަނޑާއި އެ ސަރަހައްދުގައިވާ ކޯހެރެ، ކައްބޯހެރެ، ދީރޮނޑި، މާހެރައާއި ކުދުމާހެރެ ހިމެނޭގޮތަށް އެގަމުގެ 771 ހެކްޓަރުގެ ސަރަހައްދާއި، އައްޑޫ ސިޓީގެ  ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި އެތަން ވަށައިގެންވާ ކަނޑާއި، ފަރާއި، ފަޅާއި އެއްގަމުގެ 724 ހެކްޓަރުގެ ސަރަހައްދާއި، އައްޑޫގެ ސިޓީގެ  އެތެރެވަރިއަށް ފެތިފައިވާ " ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް 64 ހެކްޓަރުގެ ކަނޑުގެ ސަރަހައްދު ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތަކަކީ ރައްކާތެރިކުރަންޖެހޭ ސަރަހައްދުކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތުގައި ރައްކައުތެރިކުރުމަށާއި، ބެލެހެއްޓުމާއި، އެ ސަރަހައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިބިދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމަށްޓަކައި، ޤާނޫނު ނަންބަރު: 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 13 ސެޕްޓެމްބަރ 2018 ގައި ވަނީ އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު:2018/R-105) ގެޒެޓް ކުރެވިފައެވެ.

ނަމަވެސް މި ސަރަހައްދުތަކުން އެ ގަވާއިދާ ޚިލާފަށް ކަޅުފަސް ނެގުމާއި، އަކިރި އަދި ދޮންވެލި ނެގުމާއި، ވެލި ނެގުމާއި، ކާށި އެޅުމާއި، ދިގު ދާ އަޅާއިގެން މަސް ހިފުން ފަދަ ކަންތައްތައް ކުރުން ވަނީ އިތުރުވެފައެވެ. ދަންނަވަމެވެ. މިފަދަ ކަންތައްތައް ކުރުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި މިފަދަ ކަންތައްތައް ކުރުމަކީ ދެމެހެއްޓެނިވި ގޮތުގައި މި ސަރަހައްދުތަކުގައިވާ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެން ދާނެ ހުރަހެއްކަމުގައި ފެންނާތީވެ، މިފަދަ ކަންތައްތައް ނުކުރުމަށް ދަންނަވަމެވެ. އަދި މިފަދަ އަމަލުތައް ކުރާފަރާތްތަކާއި މެދު އެ ގަވާއިދުގައި ބަޔާން ކުރެވިފައިވާ ފަދައިން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

07 މުޙައްރަމް 1442

26 އޮގަސްޓް 2020

27 އޮގަސްޓް 2020
ހޯދާ