އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
Noosbayan

ނަންބަރު: PR)203-ERC/1/2020/3)

ނޫސް ބަޔާން

ދިވެހިރާއްޖޭގައި އުފެދިފައިވާ ކުޅި، ފައު އަދި ޗަސްބިމުގެ މާހައުލުތަކަކީ ތިމާވެށީގެ ގޮތުން މުހިންމު، ރަށުގެ ޤުދުރަތީ މުއްސަނދިކަން އިތުރުކޮށްދޭ އަގުހުރި ވަސީލަތްތަކެކެވެ. ރަށްތައް ތަރައްޤީވެ ކުރިއަރައިގެން ދާއިރު ކުޅި، ފައު އަދި ޗަސްބިންފަދަ ތަންތަން ނައްތާލުމުގެ ބަދަލުގައި ތަރައްޤީގެ ޕްލޭންގެ ތެރޭގައި ހިމަނައިގެން ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ބޭނުންކޮށް، މިފަދަ މާހައުލުތައް މުސްތަޤުބަލްގެ ޖީލަށްޓަކައި ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިންމުކަމެކެވެ.

މިހާރަކަށް އައިސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ކުޅި، ފައު އަދި ޗަސްބިންތަކުގައި ފާލަން އެޅުމާއި ހަޓްފަދަ ތަކެތި ހަދާ އިކޯޕާކް ފަދަތަންތަން ހެދުމުގެ މަސައްކަތް ކުރެވެމުންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަން ހިންގޭ ސަރަޙައްދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައްވެސް ހިމެނެއެވެ. ރައްޔިތުންގެ ބައިވެރިވުމާއެކު މިސަރަޙައްދުތައް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓުމަކީ މިއެޖެންސީއިން އެކަމަށް ތަރުހީބުދޭ ކަމެކެވެ. އަދި މިފަދަ ކަންކަން ކުރުމުގައި  އެކަމެއްގެ ސަބަބުން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެހެން ކުރުމަކީ އިސްކަންދޭނެޖެހޭކަމެކެވެ. މިފަދަ ޤުދުރަތީ މާހައުލުތަކުގައި އެއްވެސްކަމެއް ކުރަންވާނީ ތިމާވެށީގެ ގޮތުން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހު މިއެޖެންސީގެ ލަފަޔާއި އިރުޝާދާއި އެކު އެސަރަޙައްދުގައި އެ ކަމެއް ކުރުމަށް ޤާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ މިންވަރަށެވެ. އަދި، މި ހުއްދަތައް ނެގުމުގެ ބޭނުމަކީ މިފަދަ ނާޒުކު މާހައުލުތައް ރައްކާތެރިކުރުމާއި، އެސަރަޙައްދުތައް އެންމެ އެދެވިގެންވާ ގޮތުގައި ބެލެހެއްޓުމާއި، އެމާހައުލުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެކު، އާންމު ފަރުދުންނަށް އެސަރަޙައްދުތަކުން ލިބޭ މަންފާ ހަމަހަމަ ގޮތަކަށް ބެހިގެންދިޔުމަށް މަގުފަހިކުރުވުމެވެ. ނަމަވެސް، މިފަދަ ސަރަޙައްދުތަކުގައި ޤާނޫނު ނަންބަރު:4/93 އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ އެކި ޕްރޮޖެކްޓްތައް ހިންގުމާއި އެކި ބާވަތުގެ މަސައްކަތްތައް ކުރުމަކީ މި އޭޖެންސީން އިންތިހާއަށް ކަންބޮޑުވާކެމެވެ. ވީމާ، ވެށީގެ މުހިންމު މާހައުލުތަކުގައާއި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ކުރިން މިއެޖެންސީއިން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ދަންނަވަމެވެ.

07 މުޙައްރަމް 1442

26 އޮގަސްޓް 2020

27 އޮގަސްޓް 2020
ހޯދާ