މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މަޑުއްވަރީގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި ގުޅޭ

އިޢުލާން

މިކައުންސިލްގެ އުޞޫލު ނަންބަރު 2020/3 (ރ.މަޑުއްވަރީގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު) ގެ 6 ވަނަ މާއްދާގައި، މިއުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް 3 މަސްދުވަހުގެ މުއްދަތަކާއެކު ކައުންސިލުން ޢާންމުކޮށް އިޢުލާން ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޙަވާލާދެވުނު އުޞޫލުގައި 5 ވަނަ މާއްދާގައި، ދޫކޮށްލާފައިވާ ތަކެތި ކަމަށް ކަނޑައަޅާފައިވާ ތިރީގައިމިވާ ތަކެތި، އެތަކެތީގެ ވެރިފަރާތުން، މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި (2020 ނޮވެންބަރު 16 ގެ ނިޔަލަށް) ނަންގަވައި ދެއްވުން އެދެމެވެ.

  • އާންމު ތަންތަނުގައި ހުރި ރުއްގަސް ފިޔަވައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި. (މީގެ ތެރޭގައި ދަރާއި، ފަނާއި، ދަރުފުނިތަކާއި، ލަކުޑިތަކާއި، ތަޅާއަޅާފައިވާ ގައުތަކާއި، ހޮޅިތަކާއި، ބަސްތާތަކާއި، ގަސްގަހުގައި އެލުވާފައިހުރި ޖޯލިތަކާއި، ޖޯލިފަތިތަކާއި، ގޮނޑިއާއި، މޭޒާއި، ހަޓްތަކާއި، ހަރުގެތަކާއި، އޮޑިދޯނިފަހަރު އެހެލުމުގެ އުޞޫލާ ޚިލާފަށް އެހެލާފައިވާ ދޯނި، ބޮއްކުރާ، ލޯންޗު، ޑިންގީ، ކެނޯ ފަދަ ތަކެއްޗާއި، އެއްގަމު އުޅަނދުފަހަރާއި، އެކިއެކި މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި، މެޝިނަރީސް ފަދަ ތަކެތި ހިމެނެއެވެ.)
  • މަގުތަކާއި ގޯޅިތަކުގައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި. (މީގެ ތެރޭގައި މަގު ހުރަސްކޮށާއި ދިގަށް ބިމުގެ އަޑިންނާއި ބިންމަތިންނާއި ބިމުގައި ނުޖެހޭގޮތަށް އަޅާފައި ނުވަތަ ދަމާފައިވާ ކޭބަލްތަކާއި ހޮޅިތަކާއ، ނަރު/ވައު/ނަނުތަކާއި، މަގުމަތީގައި ހައްދާފާއިހުންނަ ރުއްގަހާއި، ގޭގޭގައި ހައްދާފައިވާ ގަސްގަހުގެ ތެރެއިން 5 ފޫޓަށްވުރެ ތިރިވާގޮތަށް މަގަށް ވާގޮތަށް ހުންނަ ރުއްގަހުގެ ބައިތަކާއި، ދަރާއި، ފަނާއި، ދަރުފުނިތަކާއި، ލަކުޑިތަކާއި، ތަޅާއަޅާފައިވާ ގައުތަކާއި، ހޮޅިތަކާއި، ބަސްތާތަކާއި، ޖޯލިތަކާއި، ޖޯލިފަތިތަކާއި، ގޮނޑިއާއި، މޭޒާއި، ހަޓްތަކާއި، އެކިއެކި މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި، މެޝިނަރީސް ފަދަ ތަކެއްޗާއި، ކަނޑުއުޅަނދުފަހަރާއި، ދެފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ފިޔަވައި އެހެނިހެން ވެހިކަލްތައް ހިމެނެއެވެ.)
  • ފަޅުގައި އަޅާފައިވާ އޮޑިދޯނިފަހަރާއި، އެއޮޑިދޯނިފަހަރު އެޅުމަށް ބޭނުންކުރާތަކެތި ފިޔަވައި، ކައުންސިލް އިދާރާގެ ހުއްދައެއް ލިޔުމަކުންނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި. (ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ކަމުގައި ބެލެވޭނީ އެއެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައިހުރި ތަކެއްޗަށެވެ.)

2020 ނޮވެންބަރު 16 ވަނަ ދުވަހުގެ ނިޔަލަށް މަތީގައި ބަޔާންކުރެވުނު ތަކެތި، އެތަކެތީގެ ވެރިފަރާތުން ނުނަގައިފިނަމަ، މިކައުންސިލްގެ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އެތާރީޚުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ކައުންސިލަށް ނަގާނެވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                     

17 އޮގަސްޓް 2020
ހޯދާ