ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

1.      ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 16:00 ގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

 2.      ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛

            2.1.    16 މޭ 2019 ވީ ބުރާސްފަތި ދުވަހު ބޭއްވި މި ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ.

            2.2.    2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.

           2.3.    2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް.

           2.4.    ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.

           2.5.    2020 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

           2.6.    ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން.

   3. ވޯޓުގެ ނަތީޖާ އިޢުލާންކުރުން.

   4. ފާއިތުވި އަހަރު ކުންފުނީގެ ޕަރފޯމަންސް ރިޕޯޓް ހުށަހެޅުން.

   5. ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދެއްވުން.

   6. ޖަލްސާ ނިންމުން.

 

 3.      ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

ޖަލްސާގައި ބައިވެރިވެވޭނީ  30 ޖޫން 2020 ވީ އަންގާރަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް،  18 ޖޫން 2020 ގައި ޝާއިއުކޮށްފައިވާ މި ކުންފުނީގެ ނަންބަރު (2020/104/އޭ.ޑީ.އެމް-60) އިއުލާނުން ވާނީ އެންގިފައެވެ.

                                       

4.      އަހަރީ އާންމު ޖަލްސާ 2019 އަށް ރަޖިސްޓަރީކުރުން

  • އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓް ގައި ހޮސްޓުކޮށްފައިވާ agm.sto.mv ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ދަންނަވަމެވެ.
  • މިގޮތުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން މި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.  
  • މި ކުންފުނީގެ ހިންގާ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް ޢައްޔަން ކުރެވޭނީ 1 (އެކެއް) ޕްރޮކްސީއެވެ. އެކަކަށްވުރެ އިތުރު ފަރާތްތަކަށް ޕްރޮސީ ދީފައިވާ ޙާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާޠިލް ކުރެވޭނެއެވެ.
  • ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެންބަރުންގެ ޕްރޮކްސީއެވެ.
  • ޕްރޮކްސީ ޢައްޔަން ކުރާއިރު، ކުންފުނީގެ ހިންގާ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ޢައްޔަން ކުރުމަށް އެދެމެވެ.
  • 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަން ވާނެއެވެ. ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާޠިލް ކުރެވޭނެއެވެ.
  • ކުންފުންޏަކުންނަމަ، ކުންފުނީގެ ބޯޑުން ވަކި ފަރާތަކަށް ޕްރޮކްސީ ހަވާލުކުރަން ނިންމާފައިވާ ކަމުގެ ބޯޑު ރިޒޮލިއުޝަނަކާއެކު، ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީއަކާއި ޕްރޮސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ޕްރޮކްސީގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކީ ހިއްސާދާރަކަށްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، މި ކުންފުނީގެ ބޯޑުގެ ޑިރެކްޓަރަކަށް ޕްރޮކްސީ ޙަވާލެއް ނުކުރެވޭނެއެވެ.
  • ރަޖިސްޓަރީކުރުމުގައި ހުށަހަޅާފައިވާ މަޢުލޫމާތެއް، ޖަލްސާ ފެށުމުގެ 24 ގަޑިއިރު ކުރިން، ކުންފުންޏަށް ޔަޤީން ނުކުރެވިއްޖެނަމަ ނުވަތަ ސާފުނުވާނަމަ ނުވަތަ ފުރިހަމަ ކޮށްފައި ނުވާނަމަ ނުވަތަ ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާޠިލްކުރެވޭނެއެވެ.
  • އަހަރީ އާންމު ޖަލްސާ އަދި ރަޖިސްޓަރީކުރުމާއިގުޅޭ އިތުރު މަޢުލޫމާތު agm.sto.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.

 5.      ޕްރޮކްސީ ބާޠިލްކުރުން

ޕްރޮކްސީއެއް ބާޠިލްކުރަން ބޭނުންވާ ހިއްސާދާރުން 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން "ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމު" މެދުވެރިކޮށް [email protected] އީމެއިލް އެޑްރެހަށް އަންގަން ވާނެއެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 6.      ޖަލްސާގައި ބައިވެރިވުން

ޖަލްސާއަށް ރަޖިސްޓަރީކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ތަމްސީލްކުރާ ފަރާތްތަކަށް، ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދުތައް އެސް.އެމް.އެސް އަކުން ފޮނުވޭނެއެވެ. އެގޮތުން، 30 އޮގަސްޓް 2020 ވަނަ ދުވަހުގެ 15:30 އާއި 15:55 އާއި ދެމެދު، އެސް.އެމް.އެސް ގައި ބަޔާންކުރާ ލިންކުން އެސްޓީއޯގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ލޮގްއިން ކުރަންވާނެއެވެ. ޖަލްސާގައި ބައިވެރިވާ މެންބަރުންކަމަށް ބަލާނީ އެ ދުވަހުގެ 15:55 ގެ ނިޔަލަށް ލޮގްއިން ކޮށްފައިވާ މެންބަރުންނެވެ.

 7.      2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

16 މޭ 2019 ވީ ބުރާސްފަތި ދުވަހު ބޭއްވި މި ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު 03 ޖޫން 2020 ވީ ބުދަ ދުވަހު ޝާއިއުކުރި މި ކުންފުނީގެ ނަންބަރު   (2020/102/އޭ.ޑީ.އެމް-60)  އިޢުލާނުން ވާނީ ހުޅުވާލެވިފައެވެ. މި ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ މުއްދަތު 25 ޖޫން 2020 ވީ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށް ހަމަވިއިރު، އެއްވެސް އިސްލާޙެއް ހުށަހަޅާފައި ނުވެއެވެ.

8.      2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް

ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، 15 އޮގަސްޓް 2020 ވަނަ ދުވަހު މި ކުންފުނީގެ ވެބްސައިޓްގައި ވާނީ ޝާއިއުކުރެވިފައެވެ.

 9.      ކުންފުނީގެ ފައިދާއިން 2019 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދު

ކުންފުނީގެ ފައިދާއިން 2019 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ހިއްސާއަކަށް 58ރ (ފަންސާސް އަށް ރުފިޔާ) އެވެ. ހިއްސާގެ ފައިދާ ލިބޭނީ 30 އޭޕްރީލް 2020 ގެ ނިޔަލަށް ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށް ކަމުގައި، 18 ޖޫން 2020 ވީ ބުރާސްފަތި ދުވަހު ޝާއިއުކުރި މި ކުންފުނީގެ ނަންބަރު : ( 2020/102/ އޭ.ޑީ.އެމް-60) އިޢުލާންގައި ބަޔާންކޮށްފައިވާނެއެވެ.        

ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކުން، "ބޭންކަށް ޖަމާކުރަން އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމުން، ހިއްސާގެ ފައިދާ ބޭންކަށް ޖަމާކޮށްދެވޭނެއެވެ. މި ފޯމް، ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 10.   2020 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2020 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހޯދިފައިވެއެވެ. މި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ؛

އޮޑިޓް ފަރމް

އަގު ޔޫއެސް ޑޮލަރުން

ފާއިތުވި އަހަރު އެސްޓީއޯއަށް ދިން ޚިދުމަތް

ކޭޕީއެމްޖީ

51,410

ފާއިތުވި 6 އަހަރު ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

ޕްރައިސްވޯޓަރހައުސްކޫޕަރސް

52,788

-

އަރނެސްޓް އެންޑް ޔަންގް

54,060

-

2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، އެއް ފަރމަކުން ކުންފުނި އޮޑިޓްކުރާތާ ގިނަ ދުވަސްވެފައިވުމާއެކު، ހިއްސާދާރުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް ޢައްޔަންކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައެވެ

 

11.  ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުން ޢައްޔަންކުރުން އަދި އިންތިޚާބުކުރުން

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަށް ބަދަލެއް ނުގެންނަކަމަށް 01 ޖުލައި 2020 ގައި ލިބުނު މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު (60/2020/18-އެމް-13)  ސިޓީއިން ވަނީ އަންގާފައެވެ.    

  1. އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ
  2. އަލްފާޟިލް ޙުސެއިން ޢަމްރޫ މުޙައްމަދު ރަޝާދު / ގ. ހައްދުންމަތީ ދެކުނުގެ
  3. އަލްފާޟިލް މުޙައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ
  4. އަލްފާޟިލް ޝިމާދު އިބްރާހިމް / ދިލްޝާދުގެ، ގއ. ދެއްވަދޫ
  5. އަލްފާޟިލް އިސްމާޢީލް ޒުމައިލް ރަޝީދު / މ. އައިޝަތު މަންޒިލް
  6. އަލްފާޟިލް ޤައިސް އިސްމާޢީލް / އަންޑާޕޫލްގެ، ގއ. ދާންދޫ

މި ފަރާތްތަކުގެ ވަނަވަރު، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

ކުރިޔަށް އޮތް ދައުރަށް، އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް 2 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުކަމަށް ނަން ހުށަހަޅާފައިވާ ފަރާތްތައް ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކޮށް އިވެލުއޭޓް ކުރުމަށްފަހު، ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ފަރާތަކީ؛

  1. އަލްފާޟިލާ އާމިނަތު ރުޝްމާ / ހ.މޮސްކޯގެ

މި ފަރާތުގެ ވަނަވަރުވެސް، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

 12.  އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުން

  • ކުންފުނީގެ އާންމު ޖަލްސާގައި ފާސްކުރާ ކޮންމެ ޤަރާރެއްވެސް ފާސްކުރާނީ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ.
  • އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޖަލްސާގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ.
  • ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ  % 10 (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް)  ވޯޓު ދެވޭނެއެވެ.
  • 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" މެދުވެރިކޮށް، އޮންލައިންކޮށެވެ.
  • އެގޮތުން، ޖަލްސާގައި ބައިވެރިވުމަށާއި، ވޯޓިންގ ޕޯޓަލްއަށް ލޮގްއިން ކުރުމަށް ބޭނުންވާ އިރުޝާދުތައް، ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ހިއްސާދާރުން ރަޖިސްޓަރީ ކުރާ ފޯނު ނަންބަރަށް، އެސް.އެމް.އެސް އެއްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
  • ކޮންމެ އައިޓަމަކަށްވެސް ވޯޓު ދެވޭނީ 1 (އެކެއް) ފަހަރުއެވެ. އަދި ވޯޓު ދިނުމަށްފަހު ވޯޓު ބަދަލެއް ނުކުރެވޭނެއެވެ.
  • "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" އަކީ މީގެ ކުރީ އަހަރުތަކުގައިވެސް އެސްޓީއޯއިން އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގަން ބޭނުންކުރި ސިސްޓަމެވެ. އެހެންނަމަވެސް މި އަހަރު މި ސިސްޓަމް މެދުވެރިކޮށް ވޯޓު ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވުމާއެކު، މި ސިސްޓަމް ވަނީ ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން ކަމުގައިވާ ކޭޕީއެމްޖީ އިން ވެލިޑޭޓް ކޮށްފައެވެ.
  • ޖަލްސާގައި ފާސްކުރާ އައިޓަމްތަކަށް ވޯޓު ދިނުމަށް ވަގުތެއް ކަނޑައެޅޭނެއެވެ. އެގޮތުން ކަނޑައެޅޭ ވަގުތުގެ ތެރޭގައި ވޯޓު ދީ ނިންމަންވާނެއެވެ.
  • ކުންފުނީގެ ހިންގާ ޤަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުގެ މަތީން، އެއްވެސް އައިޓަމެއްގެ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ.
  • އަދި ހިންގާ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން، މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަ ކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

 13.     ޑިރެކްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ކުންފުނީގެ ކަންކަން ރަނގަޅުކުރުމަށް ދޭން ބޭނުންވާ ޚިޔާލުތައް

މި އަހަރު، ކުންފުނީގެ އެކި ކަންކަމާމެދު ޑިރެކްޓަރުންގެ ބޯޑާ ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ދޭން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" މެދުވެރިކޮށެވެ. މި ސިސްޓަމް މެދުވެރިކޮށް ސުވާލު ހުށަހެޅޭނީ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. އަދި ހުށަހަޅާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދޭނީ އަހަރީ އާންމު ޖަލްސާގައެވެ. މީގެ އިތުރުން، ޖަލްސާގައި ބައިވެރި ނުވިނަމަވެސް ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުންނަށް، ރެޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. މިހެން ހުށަހަޅާނަމަ ހިއްސާދާރުގެ އައި.ޑީ.ކާޑުގެ ކޮޕީއެއް އީމެއިލްއާއެކު ހިމަނަންވާނެއެވެ. އަދި އައި.ޑީ.ކާޑު ކޮޕީ ހިމަނާފައި ނުވާނަމަ، އެ ސުވާލާއި ޚިޔާލު ބަލައިގަނެވުނުނަމަވެސް، އަހަރީ އާންމު ޖަލްސާއަކަށް ހުށައެއްނޭޅޭނެއެވެ.

17 އޮގަސްޓް 2020
ހޯދާ